ޚަބަރު

ކާބޯތަކެތި އުފައްދަން ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މީހުން ބޭނުން ނުކުރެވޭނެ!


  • މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލާނެ

  • ޗެކްލިސްޓާއި އިޤްރާރުތައް އަހަރަކު އެއްފަހަރު އެމްއެފްޑީއޭއަށް ހުށަހަޅަންޖެހޭނެ

ވިޔަފާރީގެ ބޭނުމަށް ގޭގައި ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތަކުން، އެގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މީހުން ބޭނުން ނުކުރެވޭގޮތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އުސޫލުގައި ހިމަނައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑު" އަދި "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ އުސޫލު" އެ އޮތޯރިޓީގެ ޕޯޓަލް އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ޢާންމުކޮށްފައެވެ. މި އުސޫލުތަކުގެ ދަށުން، ކާބޯތަކެތި އުފެއްދުމުގެ ހުއްދަ ދޫކުރާނީ، ވަކި މިންގަނޑަކަށް ފެތޭނަމަކަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރުގައި ހިމެނުމަށްޓަކައި، އީފާސް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މަޢުލޫމާތު އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލަށް ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ތަންތަން ޗެކުކުރެވިދާނެ ކަމަށާއި، ހުށަހަޅަންޖެހޭ ޗެކްލިސްޓާއި އިޤްރާރުތައް އަހަރަކު އެއްފަހަރު އެމްއެފްޑީއޭއަށް ހުށަހަޅަންޖެހޭނެކަމަށްވެސް އައު އުސޫލުގައި ބަޔާންކޮށްފައިވެއެވެ

ކާބޯތަކެތި އުފެއްދުމުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތައް:

• ކާބޯތަކެތި ރައްކާކޮށް ބަހައްޓާފައި ހުންނަ އައިސްލަމާރި ޤަވާޢިދުން ސާފުކޮށް ބެލެހެއްޓުން
• ވަހާއ،ި ދުމާއ،ި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ޞިއްޙަތަށް ނުރައްކާ ވެދާނެ ފަދަ މަސައްކަތަކަށް ނުވުން
• ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން
• ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާ ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން
• ކާބޯތަކެތި ވިއްކަން ބަހައްޓާއިރު، އެ ތަކެތި "ބަންދުކުރި ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަޑު"ގައިވާ ގޮތަށް ލޭބަލް ކުރުން
• ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ ފަދަ ބޮޑެތި އާލާތްތައް ބޭނުން ނުކުރުން
• ކާބޯތަކެތި ތައްޔާރު ކުރެވޭނީ "ބޭސިކް ފުޑް ސޭފްޓީ ކޯސް" ނުވަތަ އެމްއެފްޑީއޭ އިން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން
• މެހ،ި ކުރަފ،ި ހޯނ،ު މީދ،ާ ފަދަ ދިރޭ ޖަނަވާރާއި ސޫފާސޫފިން ކާބޯތަކެތީގެ މަސައްކަތްކުރާތަން ރައްކާތެރިކުރުން އަދި އެފަދަ ތަކެތި އާލާނުވާގޮތަށް ތަންހުރުން
• މުއްދަތު ހަމަވާ ތާރީޚު 24 ގަޑިއިރަށްވުރެ އިތުރުނުވާ ކާބޯތަކެތީގެ ތެރެއިން ވަކި އުފެއްދުމެއްގައި ލޭބަލް ނުކުރެވޭފަދަ އުފެއްދުންތައް (ހެދިކާ) ވިއްކަން ބަހައްޓާއިރު، އެ ތަކެތި އަޅާފައިވާ ކޮންޓެއިނަރުގައި އުފެއްދި ތަނުގެ ނަމާއި ކާބޯތަކެތި ތައްޔާރު ކުރުމަށް ހުއްދަދޭ ފަރާތުން ތަނަށް ދޫކޮށްފައިވާ ރެޖިސްޓްރީ ނަންބަރު ލޭބަލްކުރުން

މީގެ އިތުރުން، މި އުސޫލުގައި ބަދިގެއާއި ހިފާ ބޭނުންކުރާ ސާމާނުތަކާއި އާލާތްތަކުގެ ސާފުތާހިރުކަން ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައްވެސް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.

ކާބޯތަކެތި ތައްޔާރުކުރާ ބަދިގޭގައި ހުންނަންޖެހޭ ޝަރުތުތައް:

• ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭ ތަކެތި އަބަދުވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
• އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި ތައްޔާރު ކުރުމަށް ވަކި ޚާއްސަ ގަޑިއެއް ކަނޑައަޅައެޅުން
• އަތް ދޮވުމާއި ހިފައިގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ބަދިގޭގައި ހަމަޖެހިފައި ހުރުން
• ބޯން އެކަށީގެންވާ ފެން ލިބޭނެ ފެންއިސްކުރެއް ހަރުކޮށްފައިވާ ސިންކެއް ހުރުން
• ފިނިކުރި ކާބޯތަކެތީގެ ފިނިހޫނުމިން 5 ޑިގްރީ އަށް ވުރެ ދަށުގައި ބެހެއްޓުން
• ކާބޯތަކެތި ހޫނުކޮށް ބަހައްޓާނަމަ 60 ޑިގްރީ އަށް ވުރެ މަތީގައި ފިނިހޫނުމިން ދެމެހެއްޓުން
• ތެލި ތަށި އަދި ހިފާގެންގުޅޭ ސާމާނު ދޮންނަން ބޭނުންކުރާ ސްޕޮންޖު އަދި މިނޫންވެސް ސާފުކުރަން ބޭނުންކުރާ އާލާތްތައް ތަނުގައި ލިބެން ހުރުން އަދި ބޭނުންކުރަން ކަމުދާ ހާލަތުގައި މިތަކެތި ހުރުން

ފަހަކަށް އައިސް، ގޭގޭގައި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ކުޑަވެ، އެތަންތަނާމެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. ޚާއްޞަކޮށް، ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، ސާފުތާހިރުކަން ކުޑަ މާޙައުލުތަކުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަން ވަނީ ފާހަގަވެފައެވެ.