ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް އެންގެވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ރޭ ހިނގި އެކްސިޑެންޓްގައި ޒުވަނަކު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން 23 އަހަރުގެ ޙަސަން ސަމާޙު ކިޔާ ޒުވާނަކު ވަނީ ނިޔާވެފައެވެ. އަދި މި އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ކާރު ދުއްވި ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކްސިޑެންޓެއްގައި ރޭ މެންދަމު ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ. މި އެކްސިޑެންޓުގައި ނިޔާވި 23 އަހަރުގެ ޒުވާނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވަވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެމަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމުވަނީ ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައި. ރޭގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު…
— Dr Mohamed Muizzu (@MMuizzu) September 6, 2024
މިފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއްކަމަށާއި، ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ހުރިހާ ރައްޔިތުންނަށް ދެއްވާފައެވެ.
ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާަވާފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފަހަކަށް އައިސް ބާރު ސްޕީޑުގައި ވެހިކަލް ދުއްވައި ހިތާމަވެރި އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ.