ޚަބަރު

އެކްސިޑެންޓުވުމުން ފިލިކަމަށް ތުހުމަތުކުރެވުނު އިކްރާމުގެ ބަންދަށް އިތުރު 30 ދުވަސް


  • އޭނާ އަލުން ހައްޔަރުކޮށްފައިވަނީ ކޯޓުން ދޫކޮށްލާފައިވަނިކޮށް

  • މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ޖުލައިމަހުގެ 31

  • މި މައްސަލައިގައި އިކްރާމް ހިމެނޭހެން 3 މީހަކު ހައްޔަރުކުރި

މިދިޔަ ޖުލައިމަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތުހުމަތުވާ މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މިދިޔަ ޖުލައިމަހުގެ 31 ގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން 3 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކްސިޑެންޓްވުމުން ފިލިކަމަށް ތުހުމަތުކުރެވޭ މ. ލޭންޑް އޮފް ގާރޑްން، އިބްރާހީމް އިކްރާމް ހައިކޯޓުން ދޫކޮށްލުމުން، ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޞިރުކުރުމުން އެންމެ ފުރަތަމަ ކޯޓުން ޖަހައިދިނީ 3 ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން އަލުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޞިރުކުރުމުން، އިތުރު 30 ދުވަހަށް ބަންދުކުރުމަށް ޣާޒީ އަމުރުކުރައްވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލްނުވެ ގޮސް ޖެހިފައިވަނީ މަގުމަތީގައި ޕާކުކޮށްގެން މީހަކު އިން ސައިކަލެއްގައެވެ. އެ އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ.

މި މައްސަލައިގައި އިބްރާހިމް އިކްރާމްގެ އިތުރުން އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާނާއި، ގއ. ކަނޑުހުޅުދޫ އާޒާރުގެ ޖިނާހް އިސްމާޢީލެވެ.