ޚަބަރު

ސައިކަލު ހިފެހެއްޓުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި


  • ސައިކަލު ހިފެހެއްޓީ ނުރައްކާތެރިކޮށް ދުއްވުމުން

  • ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައި

ސައިކަލު ހިފެހެއްޓުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ހުޅަނގުފަރާތު ދޮރުގެ ލައިޓު ތަޅާލި މީހަކު ރޭ ފަތިހު 4:15 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ހެމަވަތި، އުމުރުން 24 އަހަރުގެ ޒައިދާން މުޙައްމަދު ޒާހިރެވެ.

ފުލުހުން ވިދާޅުވީ ޒައިދާން ޕޮލިސް ސްޓޭޝަނަށް ގެއްލުންދިނީ އޭނާގެ ސައިކަލު ޓޯ ކުރުމާ ގުޅިގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމުން ކަމަށެވެ. އަދި އޭނާގެ ސައިކަލު ޓޯކޮށްފައިވަނީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމުން ޒައިދާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ދަނީ ޒައިދާން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައާއި މަސްތުވާތަކެތި ގެންގުނު މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.