ޚަބަރު

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޞިއްޙީ ވުޒާރާގެ ދަށަށް ރައީސް ބަދަލުކުރައްވައިފި


  • ޚާއްސަ އެހީ މަރުކަޒު ހިންގަމުން އައީ އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއިން

  • މަރުކަޒުގެ ބެލުމުގެ ދަށުގައި މިވަގުތު 219 މީހުން އެބަތިބި

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، ސިއްޙީ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ޢިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ޞިއްޙީ ވުޒާރާގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، އެ މަރުކަޒަކީ އެ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީކަން ބަޔާނުގައިވެއެވެ.

ޚާއްސަ އެހިއަށް ބޭނުންވާ މީހުންގެ މަރުކަޒު ޞިއްޙީ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެތަނަކީ ދާއިމީ ބޯހިޔާވަހިކަމެއްގެ ބަދަލުގައި ފަރުވާދީ ރިހެބިލިޓޭޓްކުރާ ތަނެއްގެ ގޮތުގައި ހިންގުމުގެ ނިޒާމަށް ބަދަލުގެންނެވުމަށެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވަނީ 6 ޖޫން 1976ގައެވެ. މަރުކަޒުގެ ބެލުމުގެ ދަށުގައި މިވަގުތު 219 މީހުން އެބަތިބިއެވެ. އޭގެ ތެރެއިން 31 މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ.