ޚަބަރު

ބިދޭސީން ދިރިއުޅެން ޤަވާއިދާއި ޚިލާފަށް ހަދާފައިވާ ތަންތަނަށް އަމާޒުކޮށް ރެއިޑްތަކެއް!


  • މިރެއިޑުގައި 8 ގެއަކުން 18 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

  • އެކޮމޮޑޭޝަންތައް ހުރީ ޢާއްމު ސަލާމަތަށް ނުރައްކާވާ ގޮތަށް

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން 18 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިއީ އިއްޔެގެ ވަގުތެއްގައި ކުރިއަށްގެންދިޔަ ރެއިޑުތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެންވަނީ ބޮޑު އޮޕަރެޝަނެއް ފައްޓަވާފައެވެ. އޮޕަރޭޝަންގެ އެކި ދުވަހު އެކި މައްސަލަތަކަށް އަމާޒުކޮށް އިދާރަތަކުން އަންނަނީ މާލެއާއި ހުޅުމާލޭގައި ބޮޑެތި ރެއިޑުތައް ކުރިއަށްގެންދަމުންނެވެ. މިގޮތުން ބުދަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އޭޖެންޓުންގެ ގޮތުގައި ޙަރަކާތްތެރިވާ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ހިންގަމުންދާ އެކޮމޮޑޭޝަން ބްލޮކްތަކަށް އަމާޒުކޮށް ރެއިޑުތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގަމުންދިޔަ 8 އެކޮމޮޑޭޝަނެއް ބަލައި ފާސްކޮށްފައިވާއިރު އެތަންތަނުގައި ވިސާ ނެތި އުޅެމުންދިޔަ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 18 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖެއަށް ބިދޭސީން އެތެރެކުރާ ބައެއް ފަރާތްތަކުން ބިދޭސީން އަމިއްލައަށް ބޯހިޔާވަހިކަން ހޯދުމަށް ދޫކޮށްލާކަން ފާހަގަވެފައިވާކަމަށެވެ. އަދި މިފަދަ ބިދޭސީންނަށް އަމާޒުކޮށް، އެކޮމޮޑޭޝަންތައް ހިންގަމުންދާކަން އޮޕަރޭޝަނަށް ފާހަގަކުރެވިފައިވާކަމަށާއި، މިގޮތުން ބިދޭސީން އެކޮމޮޑޭޝަން ހިންގަނީ ޢާއްމުކޮށް މާލޭގައި ހުންނަ ބާވެފައިވާ ޢިމާރާތްތައް ނަގައިގެން، އެތަންތަން ބިދޭސީންނަށް ކުއްޔަށް ދޫކޮށްގެންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިތަންތަން ހުންނަނީ ޢާއްމު ސަލާމަތަށް ނުރައްކާވާގޮތަށްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން އަލިފާނުގެ ޙާދިސާތަކެއް ހިނގައިފިނަމަ އޭގެ ނުރައްކާ ވަށައިގެންވާ ހުރިހާ ޢިމާރާތަކަށް ކުރާނެ ފަދަ ގޮތަކަށް މިފަދަ ތަންތަން ހުރިކަން އެއިދާރާއިން ފާހަގަކުރައްވައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން އުޅޭ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކަމާގުޅުންހުރި އިދާރާތަކުން ދަނީ ހިންގަމުންނެވެ.

އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މި އޮޕަރޭޝަނުގައި ބައިވެރިވެއެވެ.