ޚަބަރު

ދަނޑުވެރިން އުފައްދާ ތަކެތި އަގުހެޔޮކޮށް ބާޒާރަށް ގެނެވޭނެ މަގުފަހިކުރަނީ


  • ދަނޑުވެރިން އުފައްދާތަކެތި ބާޒާރަށް ގެނައުމަށް އަގުހެޔޮ ގޮތްތަކެއް ހޯދަނީ

ރާއްޖޭގައި ދަނޑުވެރިން އުފައްދާ ބާވަތްތައް އަގުހެޔޮކޮށް މާލޭގެ ބާޒާރަށް ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފައްޓަވައިފިއެވެ. ރާއްޖޭގެ ބާޒާރުގައި ދިވެހި އުފެއްދުންތައް ލިބޭނެ މަގުފަހިކޮށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް ދަށްކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރައްވަމުންނެވެ.

މާލޭ ބާޒާރުން އާއްމުގޮތެއްގައި ގަންނަން ލިބޭ ތަރުކާރީއާއި މޭވާއަކީ ރާއްޖޭން ބޭރުން އިމްޕޯޓުކުރާ ބާވަތްތަކެވެ. އޭގެ ސަބަބުން އެހެން ޤައުމުތަކާއި ޚިލާފަށް މާލޭ ބާޒާރުން ގަންނަން ލިބޭ މޭވާއާއި ތަރުކާރީގެ އަގު ބޮޑުވެގެންދެއެވެ. ކަން މިހެން އޮތްއިރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިވެހި ދަނޑުތަކުގައި އެކި ބާވަތްތައް އުފައްދައެވެ. އެފަރާތްތަކުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މާލޭގެ ބާޒާރާ ހަމައަށް ދަނޑުވެރިންގެ އުފެއްދުންތައް ގެންދިޔުމަށް އޮތް ހުރަސްތަކެވެ.

މިކަމަށް ހައްލެއް ގެނެސް ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް އަގު ހެޔޮކޮށް ބާޒާރުން ލިބެން ހުންނާނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ސަރުކާރުންވަނީ ފައްޓަވާފައެވެ. އެގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިންވަނީ މިކަމާ ގުޅޭ މަޝްވަރާތަކެއް ބާއްވާފައެވެ. އެގޮތުން ދަނޑުވެރިން އުފައްދާ ތަކެތި އެއަރކާގޯ ކުރުމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވީ، މާލޭ ބާޒާރާ ހަމައަށް ނުވަތަ އަތޮޅުތަކުގައި ހުރި މައި މާރުކޭޓުތަކާއި ހަމައަށް ދަނޑުވެރިންގެ އުފެއްދުންތައް ގެންދިޔުމަށް ފްލައިޓުތައް އެކަނި ހަމަޖައްސައިގެން ހައްލެއް ނާންނާނެކަމަށެވެ. ރަށްރަށުން ދަނޑުވެރިންގެ އުފެއްދުންތައް ފްލައިޓާ ހިސާބަށް ގެނައުމަށްވެސް ޚަރަދުތަކެއް ހިނގާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެހުރިހާ ދިމާލަކުން ހައްލު ހޯދައިގެން ނޫނީ މިކަމަށް ދާއިމީ ހައްލެއް ނާންނާނެކަމަށެވެ.

"ދަނޑުވެރިން ވަރަށް ބޮޑު ހޭދައެއް އެބަކުރޭ ދަނޑުން ބޯޓާ ހިސާބަށް މިއުފެއްދުންތައް ގެނައުމަށް. ފެރީގަ ދާ ރަށްރަށުގައި ދަނޑުން ފެރީއަށް ގެނައުމަށް އަދި އެއަރޕޯޓާ ހިސާބަށް ގެނައުމަށްވެސް. އެހެންވީމަ މިހުރިހާ ފަރާތްތަކާއެކީ މަޝްވަރާތައް ކުރަމުން މިދަނީ، އެހެން ނޫންނަމަ ދާއިމީ ވަށާޖެހޭ ހައްލެއް ނުއެއް އަންނާނެ." ވަޒީރު ރަމީލާ ވިދާޅުވިއެވެ.

ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރާ ހަމައަށް ގެނައުމަށް ކުރާ ހޭދަކުޑަކުރުމަކީ އޭގެ ސަބަބުން ބާޒާރުގައި ލިބެން ހުންނަ އެކި ބާވަތްތަކުގެ އަގު ހެޔޮވާނެކަމެކެވެ. ހަމައެއާއެކު ދަނޑު ހައްދާ ފަރާތްތަކުން ކުރަންޖެހޭ ހޭދަކުޑަކުރެވި ލިބޭ ނަފާ އިތުރުވާނެ މަގެކެވެ. ރަށްރަށުން ތަކެތި ގެނައުމަށް ކުރެވޭ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކާއެކު ސަރުކާރުންގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ.

ދިވެހީންނަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދީ ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކުރުމަށް ސަރުކާރުންގެންދަވަނީ އެކި ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެގޮތުން އުތުރު ތިލަފަޅުގައި 200 ހެކްޓަރުގެ ބިމެއް ދަނޑުވެރިކަމަށް ޚާއްސަކުރަން ނިންމާ އެތަނުގައި ރާއްޖެއަށް ޢާއްމުކޮށް އެތެރެކުރާ ބާވަތްތައް ހެއްދުމުގެ މަސައްކަތް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން ދަނޑުވެރިކަމަށް ދޫކުރާ ލޯނުތައް އިތުރުކޮށް ދަނޑު ހައްދަން ޝައުގުވެރިވާ ފަރާތްތަކަށް ފަންނީ އެހީތެރިކަމާއި ވަޞީލަތް ފޯރުކޮށްދިނުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.