ޚަބަރު

ކަރަންސީ ސެޓަލްމަންޓާއެކު ޑޮލަރަށް ބަރޯސާވުން ކުޑަވެ، ދިވެހި ފައިސާގެ އަގު އުފުލޭނެ: ވަޒީރު ސަޢީދު


  • ކަރަންސީ ސެޓަލްމަންޓް އެއްބަސްވުމުގައި މިއަދުވަނީ ސޮއިކޮށްފައި

  • މިއެއްބަސްވުމަކީ ރާއްޖެއަށް ތާރީޚީ ބަދަލެއް ގެނުވާނެ ކަމެއް

  • މިކަމުގެ ސަބަބުން އިންޤިލާބީ ބަދަލުތަކެއް އަންނާނެ

ޗައިނާ އާއި ރާއްޖެއާއި ދެމެދު ގާއިމްކުރާ ކަރަންސީ ސެޓަލްމެންޓާއެކު ޑޮލަރަށް ބަރޯސާވުން ކުޑަވެ، ދިވެހި ފައިސާގެ އަގު އުފުލިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް، ޕީބީއޯސީއާ ދެމެދު، ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި މިއަދުވަނީ ސޮއިކޮށްފައެވެ.

މިއެއްބަސްވުމާއި ގުޅޭ ތަފްސީލްތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ މިއީ ރާއްޖެއަށް ތާރީޚީ ބަދަލެއް ގެނުވާނެ އެއްބަސްވުމެއް ކަމަށެވެ.

އަދި މިއީ ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެގޮތުގައި ސައީދު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ރިޒާވްގެ ހާލަތުވެސް ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ، ވަރަށް ބޮޑަށް ޑޮލަރަށް އޮންނަ ޑިމާންޑު ވެއްޓިގެންދާނެ، ދެޤައުމުގެ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރޭ، އެފްޓީއޭ އާއި އެކު 1 ބިލިއަން ޑޮލަރަށް އަރައިގެންދާނެ، މިއަދު މިދިޔައީ މުޅި އެ މުއާމަލާތް އެއްކޮށް ދެ ޤައުމުގެ ފައިސާއިން ކުރެވޭގޮތް ވެގެން މިދިޔައީ،" ސައީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ މިއީ ކުރު މުއްދަތެއްގެތެރޭގައި ރައީސް ޑރ. މުޢިއްޒު ހާސިލްކުރެއްވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިހާރު އެއްބަސްވުމުގައި ސޮއިކުރުމާއެކު އެމްއެމްއޭއާއި ޕީޕަލްސް ބޭންކު އޮފް ޗައިނާ ގުޅިގެން ވަރަށް ބާރު ދުވެލީގައި މިކަމާއި ގުޅޭ މަސައްކަތްތައް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިއެއްބަސްވުމާއެކު ޑޮލަރަށް ބަރޯސާވުން ކުޑަވާނެކަން ފާހަގަކުރައްވާ ވަޒީރު ސައީދު ވިދާޅުވީ ދިވެހި ފައިސާގެ އަގު އުފުލިގެންދާނެ ކަމަށެވެ.

"ކޮން ބަދަލެއްތޯ މިއަންނަނީ، އަޅުގަނޑުމެންގެ ފައިސާގެ އަގު، ގަދަރު އުފުލިގެން މިދަނީ، ޒަމާންތަކެއްވެއްޖެ ބައިނަލްއަޤްވާމީ ވިޔަފާރީގައި ޑޮލަރު އެކަނި ބޭނުންކުރާތާ، މިހާރު ހަމަޖެހިގެން މިދިޔައީ ދެޤައުމުގެ ފައިސާއިން މުއާމަލާތްކުރެވޭނެ މަގު،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖެ ފަދަ ކުޑަ ޤައުމަކުން އެޅި ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ވަޒީރު ސައީދު ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ އެހެން ބޮޑެތި ޤައުމުތަކާއެކުވެސް މިފަދަ ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކުރެއްވުމަށް ކަމަށެވެ. އަދި މިހާރު އެކަމާއި ގުޅޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.