ޚަބަރު

ނައިޖީރިޔާގެ ޖަލެއްގެ ފާރު ވެއްޓުމުން 300 ޤައިދީން ފިލައިފި


ނައިޖީރިޔާގެ މައިޑުގުރީގައި ހުންނަ ޖަލަކުން 300އެއްހާ ޤައިދީން ފިލައިފިއެވެ. އެ މީހުން ފިލާފައި ވަނީ ނައިޖީރިޔާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެ ޤައުމުގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޖަލުގެ ފާރުވެއްޓުމުންނެވެ.

ނައިޖީރިޔާ ކަރެކްޝަނަލް ސަރވިސަސްގެ ތަރުޖަމާނު ޢުމަރު ޢަބޫބަކުރު ވިދާޅުވީ ޖަލުން ފިލި 281 ޤައިދީންގެ ތެރެއިން ހަތް މީހުން އަލުން ހައްޔަރުކޮށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ޖަލުން ފިލި އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ޖަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ނައިޖީރިޔާގެ ބޯނޯ ސްޓޭޓުގެ ވެރިރަށް ކަމަށްވާ މައިޑުގުރިއަށް ފާއިތުވި ދުވަސްތަކުގައި ވަނީ ބޯކޮށް ވާރޭވެހިފައެވެ. އަދި އެ ރަށުގެ ޑޭމެއް ފަޅައިގެން ދިއުމުން އެ ރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ގޮތުން އެ ރަށުގެ ޒުލަށް ގެއްލުންވެ ގިނަ ޢަދަދެއްގެ ކިނބުލާއި ހަރުފަ ފެނުގެ ތެރެއަށް ދޫވެފައިވެއެވެ.

ނައިޖީރިޔާގައި ފެންބޮޑުވުމުގެ ސަބަބުން 30 މީހުން މަރުވެ އެތައް ސަތޭކަ ހާސް ބައެއްގެ ގެދޮރު ގެއްލިފައިވެއެވެ.