ޚަބަރު

ޔަންގް ބޯއިޒް އަތުން މޮޅުވެ އެސްޓަން ވިލާއަށް ރަނގަޅު ފެށުމެއް


ޔޫރަޕްގެ އެލީޓް މުބާރާތެއްގައި 41 އަހަރަށް ފަހު ވާދަކުރި ފުރަތަމަ މެޗު އެސްޓަން ވިލާ އިން ކާމިޔާބުކޮށްފި އެވެ.

ސްވިޒަލޭންޑްގެ ޔަންގް ބޯއިޒް އާއި ދެކޮޅަށް ގައުމުން ބޭރުގައި ކުޅުނު މި މެޗު އެސްޓަން ވިލާ އިން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ސްވިޒަލޭންޑްގެ ބަރންގައި ކުޅުނު މި މެޗު ޓަރފް ދަނޑެއްގައި ކުޅުމުގެ ސަބަބުން އެސްޓަން ވިލާއަށް އުނދަގޫތަކެއް ކުރިމަތިވީ ނަމަވެސް, އުނެއި އެމްރޭގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގެ 27 ވަނަ މިނިޓުގައި އެސްޓަން ވިލާ އިން ވަނީ ލަނޑު ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓިއެލެމަންސް އެވެ.

އަދި މެޗުގެ ފުރަތަމަ ހާފް ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ޖަކޮބް ރަމްސޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ ޔަންގް ބޯއިޒްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ވިލާއިން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި މެޗުގައި އެސްޓަން ވިލާއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަމަދޫ އޮނާނާ އެވެ.

1983 ވަނަ އަހަރަށްފަހު ޔޫރަޕްގެ ބޮޑު މުބާރާތެއްގައި އެސްޓަން ވިލާ ކުޅުނު ފުރަތަމަ މެޗު ބެލުމަށް އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ސްވިޒަލޭންޑަށް ގޮސްފަ އެވެ.