ޚަބަރު

ފާނަ އާލާކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކަނީ


  • ނަން ނޯޓުކުރުމަށް މިހާރު ވަނީ ހުޅުވާލާފައި

  • މި ޕްރޮގްރާމުގެ ދަށުން 57 މޫދުކޮށި ދޫކުރުމަށް ވަނީ ނިންފައި

  • ކޮށިސެޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ 100,000 ރުފިޔާއަށް

ފާނަ އާލާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމެއް ހިންގުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިހާރުވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަންނޯޓުކުރުމަށް ހުޅުވާލާފައެވެ.

އެ ވުޒާރާއިން ވިދާޅުވީ، މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ އަމިއްލަ ފަރާތްތަކަށް ލިބޭނޭގޮތް ހެދުމުގެ މަޤުޞަދަކީ ފާނަ ބޮޑުކޮށްގެން މެރިކަލްޗރގެ ވިޔަފާރި ކުރުމަށް މަގު ފަހިކޮށްދިނުން ކަމަށެވެ.

ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީ ކުރުމަށްޓަކައި ހިންގާ މި ޕްރޮގްރާމުގެ ދަށުން 57 މޫދުކޮށި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި މޫދު ކޮށިތަކުގެ ސައިޒަކީ ފުޅާމިނުގައި 3 މީޓަރ، ދިގު މިނުގައި 3 މީޓަރުގެ 8 ގޮޅި ހިމެނޭގޮތަށް ޖުމްލަ 72 އަކަ މީޓަރެވެ.

ކޮށިތައް ދޫކުރަނީ ފްރޭމާއި ދާގަނޑުތަކާއި ވަލާއި ނަގިލި ހިމެނޭގޮތަށެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން މި ވިދާޅުވީ ކޮށިސެޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ އެއްލައްކަ ރުފިޔާގެ މަގުންކަމަށެވެ.

މޫދުކޮށި ވިއްކުމަށް ހަމަޖެހިފައިވަނީ ކޮށީގެ އަގު ދައްކާ ޚަލާސްކުރާ ތަރުތީބުން އެ ފަރާތްތަކަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން، ގަންނަ މޫދު ކޮށި ކ. މަނިޔަފުށިން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ ކޮށި ގަންނަ ފަރާތްތަކުންކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކުދި ފާނަ ވިއްކުމަށް ހަމަޖެހިފައިވަނީ، ކ. މަނިޔަފުށީގައި ހިންގާ ރިސާރޗް ހެޗަރީގައި ކުރިއަށްގެންދާ ފާނަ އާލާކުރުމުގެ ރިސާރޗް ޕްރޮގްރާމުގެ ތެރެއިން އުފެއްދޭ މިންވަރަކުން ބޮޑު މިނުގައި 10 ސެންޓިމީޓަރާއި 14 ސެންޓިމީޓަރާ ދެމެދުގެ ފާނައެއް 15 ރުފިޔާ ގެ މަގުން، ފާނަ ގަތުމަށް ޝައުގުވެރިކަން ފާޅުކުރާ ތަރުތީބަށް ބަލައިގެންނެވެ.

މޫދު ކޮށްޓާއި ކުދި ފާނަ ގަންނަން އެދޭ ފަރާތްތަކުން [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން އެދެއެވެ.

މޫދު ކޮށި ނުވަތަ ކުދި ފާނަ ގަތުމުގެ ކުރިން، އެތަކެތި ބަލާލަން ޝައުޤުވެރިވާ ފަރާތްތަކުން އެ ވުޒާރާއަށް ގުޅައިގެން ތާރީޚާއި ވަގުތު ހަމަޖެއްސުމަށްފަހު ކ. މަނިޔަފުށްޓަށް ޒިޔާރަތް ކުރުމުން ކޮށިތަކާއި ފާނަ ބަލާލެވޭނެ ކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުން ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެން އާލާ ކުރުން މަސްވެރިކަމުގެ ވަކި ދާއިރާއެއްގެ ގޮތުގައި ފުޅާކުރުމުގެ ވިސްނުންވެސް ސަރުކާރުން ގެންގުޅުއްވައެވެ.