ޚަބަރު

ގޭސް ޕްލާންޓާއިއެކު ތިނަދޫގައި އިންޓަރނޭޝަނަލް ސީ ޕޯޓެއް


ތިނަދޫގައި ޤާއިމްކުރައްވާ ގޭސް ޕްލާންޓާއެކު އެރަށުގައި އިންޓަރނޭޝަނަލް ސީ ޕޯޓެއް ޤާއިމްވެގެންދާނެކަމަށް މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން ވިދާޅުވެއްޖެއެވެ.

މޯލްޑިވް ގޭހުގެ ފަރާތުން ތިނަދޫގައި ޤާއިމްކުރާ  ގޭސް ޕްލާންޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި އަޅާ  ފުރަތަމަ ގޭސް ޕްލާންޓްގެ އިތުރުން މޯލްޑިވް ގޭސްގެ ފަރާތުން މިހާތަނަށް ޤާއިމްކުރާ އެންމެ ބޮޑު ގޭސް ޕްލާންޓެވެ.

މި ޕްލާންޓްގައި 1500 މެޓްރިކު ޓަނުގެ ސްޓޯރޭޖެއް ހުރެއެވެ. މިހާރު ތިލަފުށީގައި ހުންނަ ގޭސް ޕްލާންޓުން އުފައްދަނީ 1100 މެޓްރިކް ޓަނުގެ ގޭހެވެ.

ތިނަދޫގައި ޤާއިމްކުރާ ގޭސް ޕްލާންޓް އެޅުމަށް ބިން ހަވާލުކުރުމަށް ތިނަދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން ވިދާޅުވީ، މި ގޭސް ޕްލާންޓާއެކު ތިނަދޫގައި އިންޓަރނޭޝަނަލް ސީޕޯޓެއް ޤާއިމް ކުރެވޭނެކަމަށެވެ. މި ބަނދަރަކީ 5000 މެޓްރިކްޓަނުގެ ބޮޑެތި ބޯޓް ފަހަރަށް ގާތްކުރެވޭ ގޮތަށް ތަރައްޤީ ކުރާ ސީޕޯޓެއްކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ، 130 މިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށަން ބޭރުގެ ދެ ކުންފުންޏަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އޭގެތެރެއިން އެއް ކުންފުނިން  މިހާރު ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަންވެސް މައުމޫން ފާހަގަކުރެއްވިއެވެ. ތިނަދޫގައި ޤާއިމްކުރާ ގޭސް ޕްލާންޓަކީ އެންމެ ޒަމާނީ އޮޓޮމެޓިކް ގޭސް ޕްލާންޓެއްކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މި ގޭސް ޕްލާންޓް އެޅުމަށް 90،000 އަކަފޫޓްގެ ބިމެއް މިހާރު މޯލްޑިވް ގޭސްއާއި ތިނަދޫ ކައުންސިލުން ވަނީ ހަވާލުކޮށްފައެވެ. ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ، ކޮންމެ ޕާޓީއެއްގެ ކައުންސިލެއް ތިނަދޫގައި އޮތްނަމަވެސް ތަރައްޤީގެ މިފަދަ މަޝްރޫޢުތަކަށް އެކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.

ތިނަދޫގައި ގޭސް ޕްލާންޓް ޤާއިމްކުރުމަށް ސައިޓުގައި ރާވަން ބޭނުންވާ ވެއާ ހައުސް އާ އެކޮމޮޑޭޝަން ބްލޮކް އަދި އައުޓްލެޓު ފިހާރަތަކާއި، ލެބޯޓްރީ ފަދަ ތަކެތި މިހާރު ރާއްޖެއަށް ގެނެސްފައިވާކަމަށް މޯލްޑިވް ގޭސް އިން މައުލޫމާތުދެއްވައެވެ. މި ޕްލާންޓްގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ ގޭހުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.