ޚަބަރު

ލެސްޓާއާ އެއްވަރުވެ އެވަޓަންއަށް ފުރަތަމަ ޕޮއިންޓް


އިނގިރޭސި ޕްރިމިއަރ ލީގުގައި އިއްޔެ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، މި ސީޒަނުގައި އެވަޓަންއަށް ފުރަތަމަ ޕޮއިންޓް ލިބިއްޖެއެވެ.

ލީގުގައި މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު އެވަޓަން އޮތީ ހަތަރު މެޗުން ބަލިވެ ރޭގެ މެޗު އެއްވަރުވެ އެއް ޕޮއިންޓާއެކު ތާވަލުގެ ފަހަތުން ދެވަނައިގަ އެވެ. އަނެއް ކޮޅުން ލެސްޓަރ ސިޓީ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓާއެކު ތާވަލުގެ 15 ވަނަ އެވެ.

ލެސްޓަރ ސިޓީގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިލިމަން އެންޑިޔާއޭ އެވެ. މި ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވަނީސް ލެސްޓަރ އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޖޯޑަން ޕިކްފޯޑް ފޮނުވާލި ހަމަލާ ގޯލުގެ ރޮނގު ހުރަސް ނުކުރަނީސް ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ވިއްސާރަވެ މޫސުން ގޯސް ވުމުގެ ސަބަބުން ދެވަނަ ހާފްގެ ކުޅުން ފެށުން ލަސްކޮށްފައިވާ މި މެޗުގެ ދެވަނަ ހާފްގައި އެވަޓަން އިން ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ނަގާލާފައެވެ.

ލެސްޓަރ ސިޓީން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ 73 ވަނަ މިނިޓުގައި ސްޓެފީ މަވިޑީޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.