ޚަބަރު

21 އަހަރުގެ ތެރޭގައި ލީގުގައި ކޯމޯގެ ފުރަތަމަ މޮޅު ހޯދައިފި


އިޓާލިއަން ލީގުގައި 2-3 ގެ ނަތީޖާއަކުން އެޓަލާންޓާ ބަލިކޮށް، ކޯމޯއިން 21 އަހަރުގެ ތެރޭގައި ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިއީ 2003 ވަނަ އަހަރުގެ ފަހުން އިޓަލީގެ ފުރަތަމަ ޑިވިޝަނުގައި ކޯމޯ އިން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި، މިއީ މި ފަހަރުގެ ސީޒަނުގެ އެޓަލާންޓާގެ ތިންވަނަ ބައްޔެވެ. އެ ޓީމުން އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ވަނީ 0-0 އިން އާސެނަލްއާ އެއްވަރުވެފައެވެ.

އިޓަލީގެ ފުޓްބޯޅައިގެ ލޯކަލް ޑާބީއެއް ކަމަށްވާ، މި މެޗު އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތީ މި ހަފްތާގެ ހޯމަ ދުވަހު އެވެ. ނަމަވެސް، ބެރްގާމޯގައި ބޯކޮށް ވާރޭވެހި، ދަނޑުގައި ފެންބޮޑުވުމާ ގުޅިގެން 24 ގަޑިއިރަށް ކުޅުން ފަސްކުރީ އެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. މެޗު ފެށިގެން 18 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ޑެވިޑޭ ޒަޕަކޮސްޓާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން އެއްފަހަރުން ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ސާޖީ ރޮބާޓޯ ދިން ބެކްހީލް ޕާހެއްގެ އެހީގައި ގެބްރިއެލް ސްޓްރެފެޒާ ވައްދާލި ލަނޑާއެކު ކޯމޯ އިން ނަތީޖާ އެއްވަރުކުރިއެވެ. އަދި، އޭގެފަހުން، މެޗުގެ 54 ވަނަ މިނެޓުގައި އެޓަލާންޓާގެ ޑިފެންޑަރު، ސެއަދު ކޮލާސިނާޗް އަތުން ބައިކޮޅަށް ވަތް ލަނޑުން ކޯމޯ އިން ފުރަތަމަ ފަހަރަށް ލީޑްނެގިއެވެ.

ކޯމޯ އިން ލީޑްނެގިތާ ހަތަރު މިނެޓުގެ ތެރޭގައި، އަލިއު ފަދެރާ ވައްދާލި ލަނޑާއެކު ކޯމޯ އިން ލީޑް އިތުރަށް ފުޅާކުރިއެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން އަޑެމޯލާ ލުކްމަން ވަނީ އެޓަލާންޓާ އަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެޓަލާންޓާގެ ވަންޔާ ވްލާހޮވިޗް އަށް ކޯމޯގެ އަލްބާޓޯ ޑޮސޭނާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ހޯދީ މޮޅާއެކު ކޯމޯ ވަނީ ތާވަލްގެ ފުލުން ކުރިއަށް ޖެހިލައިފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ ފަސް ޕޮއިންޓާއެކު އޮތީ 15 ވަނައިގައެވެ. އޭގެ އެއްޕޮއިންޓް ކުރީގައި އޮތް އެޓަލާންޓާ އޮތީ 12 ވަނައިގައެވެ.

ބާސެލޯނާ އާއި އާސެނަލްގެ އިތުރުން ޗެލްސީ އަށް ކުރީން ކުޅެފައިވާ ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު، ސެސް ފަބްރެގާސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ކޯމޯ އަށް ލީގުގައި ދެން އޮތީ މި މަހުގެ 29 ވާ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ހެލާސް ވެރޯނާއާ ބައްދަލުކުރާ މެޗެވެ.