ޚަބަރު

އެމްބާޕޭ ރިކޯޑު ދެމެހެއްޓިއިރު، ރެއާލަށް ހަނި މޮޅެއް


ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ލަނޑު ޖަހައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ރިކޯޑު ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ އަލަވޭސް އަތުން 2-3 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ރެއާލް ވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ ބާސެލޯނާއާ ދެމެދު އޮތް ފަރަގު އެއްޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު އެވެ. ރެއާލުން އެއްމެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 17 ޕޮއިންޓެވެ. ތިނެއްގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް ހަތް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތީ ހަތަރުވަނައިގައެވެ.

ރެއާލްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އެ ޓީމަށް ލީޑްނަގައިދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ލޫކަސް ވަޒްކޭޒް އެވެ.

އޭގެފަހުން، މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އާއެކު ގުޅިގެން އުފެއްދި އެޓޭކަކުން އެމްބާޕޭ ވަނީ ހިތްގައިމު ގޯލެއްޖަހައި ރެއާލަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ރެއާލްގެ ތިންވަނަ ލަނޑުޖަހައިދިނީ ބްރެޒިލް ވިންގް، ރޮޑްރީގޯ އެވެ. އޭނާ މި ލަނޑުޖެހީ ވަޒްކޭޒް ދިން ބޯޅައަކުންނެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ފުލުފުލުގައި ޖެހި ދެލަނޑާއެކު އަލަވޭސް އިން ރެއާލް ހާސްކޮށްލިއެވެ. މި މެޗުގައި އަލަވޭސް އިން ޖެހި ފުރަތަމަ ލަނޑު، 85 ވަނަ މިނެޓުގައި ކާލޯސް ޕްރޮޓެސޯނީ ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއްފަހުން ކީކޭ ގާސިއާ ވަނީ އިތުރު ލަނޑެއްޖަހައި ރެއާލަށް މައްސަލަތައް ކުރިމަތިކޮށްފައެވެ. ނަމަވެސް، ރެއާލުން ވަނީ އަލަވޭސްގެ ފަރާތުން އިތުރު ގޯލެއް ކާމިޔާބުކުރިޔަނުދީ ލީޑް ހިފަހައްޓައި، މެޗުން ތިން ޕޮއިންޓް ހޯދާފައެވެ.

މި މެޗުގައި ޖެހި ގޯލާއެކު އެމްބާޕޭ ވަނީ ރެއާލްގެ ޖާޒީގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ނުވަ މެޗުގައި ހަތް ލަނޑުޖަހައިފައެވެ. މީގެތެރެއިން، ހަ ލަނޑުޖެހީ އެންމެ ފަހުން ކުޅުނު ހަތް މެޗުގައެވެ. އަދި، އޭނާ ވަނީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ލަނޑުޖަހައިފައެވެ. އެކަމަކު، މި ފަހަރުގެ ސީޒަނުގެ ލީގުގައި އެންމެ ފުރަތަމަ ތިން މެޗުގައި އެމްބާޕޭ އަށް ލަނޑެއްނުޖެހުނެވެ.

ރެއާލަށް ދެން އޮތީ މި މަހުގެ 30 ވާ ހޯމަ ދުވަހު މެޑްރިޑް ޑާބީގައި ރަށުން ބޭރުގައި އެތުލެޓިކޯއާ ބައްދަލުކުރާ މެޗެވެ. އެއަށްފަހު، އެ ޓީމުން ދެން ކުޅޭ މެޗުގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ފްރާންސްގައި ނިކުންނާނީ ލިއްލެއާ ދެކޮޅަށެވެ.