ޚަބަރު

އަނިޔާގެ ސަބަބުން 31 އަހަރުގައި ވަރާން ކުޅުން ހުއްޓާލައިފި


މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް މީގެ ކުރިން ކުޅެފައިވާ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާނަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފިއެވެ.

އުމުރުން 31 އަހަރުގައި ވަރާން ކުޅުން ހުއްޓާލާފައިމިވަނީ އޭނާ މިހާރު ކުޅެމުންދާ އިޓާލިއަން ލީގުގެ ކްލަބް ކޯމޯއާ ސަމްޑޯރިއާ ބައްދަލުކުރި މެޗުގައި އޭނާގެ ކަކުލަށް އަނިޔާވެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރަށް ދާން ޖެހުމުގެ ސަބަބުންނެވެ.

މިދިޔަ ޖުލައި މަހު ހިލޭ ޓްރާންސްފާ އެއްގައި ކޯމޯ އާއި ގުޅުނު ވަރާން ބުނެފައިވަނީ ކުޅުން ހުއްޓާލި ނަމަވެސް އޭނާ ކޯމޯގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަނިޔާގެ ސަބަބުން އެތަކެއް ފަހަރަކު ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސްފައިވާ ކަމަށާއި ނަމަވެސް މި ފަހަރު ކުޅުން ހުއްޓާލުމަށް ނިންމާފައިވާކަމަށް ވަރާން ވަނީ އޭނާގެ ސޯޝަލް މީޑިޔާގައި ބުނެފައެވެ.

ރެއާލް މެޑްރިޑްގައި 10 އަހަރު ހޭދަކުރި ވަރާން ވަނީ އެ ޓީމާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ތިން ފަހަރު އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވެއެވެ.

2021 ވަނަ އަހަރު ރެއާލް މެޑްރިޑްއިން އޭނާ ވަނީ 34 މިލިއަން ޕައުންޑްގެ ފީ އަކަށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައެވެ. އަދި އެ ކްލަބުގައި ހޭދަކުރި ދުވަސްވަރު އަނިޔާގެ އެކި މައްސަލަތައް ކުރިމަތިވިއިރު އޭނާ ވަނީ އެ ކްލަބަށް 95 މެޗު ކުޅެދީފަ އެވެ.

ކުޅުން ހުއްޓާލިކަން ވަރާން އިއުލާން ކުރުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ވަރާން އާއިއެކު ރެއާލް މެޑްރިޑްގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ވަރާންއަށް ތައުރީފުކޮށް ހިތްވަރު ދީފަ އެވެ.

2013 ވަނަ އަހަރު ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ފެށި ވަރާން ވަނީ ގައުމީ ޓީމަށް 93 މެޗު ކުޅެދީފަ އެވެ. އަދި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ފްރާންސް އިން ކާމިޔާބުކުރި ޓީމުގައި ވަރާން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.