ޚަބަރު

ބައިނަލްއަޤްވާމީ ޓީޗަރުންގެ މަހާސިންތާ އަންނަ މަހު 1ގައި ފަށަނީ


  • މިއީ ކޮންމެ 2 އަހަރުން 1 އަހަރު ބާއްވާ ކޮންފަރެންސެއް

  • ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށްވެސް ހުޅުވާލާފައި

  • 248 ބައިވެރިން ބައިވެރިވޭ

މުދައްރިސުންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ޓީޗަރުންގެ މަހާސިންތާގެ 7 ވަނަ އެޑިޝަން ފެށުމައް ތައްޔާރުވެއްޖެއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި މަހާސިންތާ މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 އިން 2 އަށް މާލޭގައެވެ.

މި މަހާސިންތާއާ ގުޅޭ މަޢުލޫމަތު ދެއްވަމުން ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު ޢަދީލް ނަޞީރު ވިދާޅުވީ މި ކޮންފަރެންސްގައިވެސް އެހެނިހެން ރިސަރޗް މަހާސިންތާތަކުގައި ހުންނަ ބައިތައް ހުންނާނެކަމަށެވެ. ޚާއްސަކޮށް މިފަހަރުގެ މަހާސިންތާގައި ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމާ ގުޅޭ ޚާއްސަ ސެޝަންތަކެއް ކުރިއަށްދާނެކަމަށް ޢަދީލް ވިދާޅުވިއެވެ.

އެގޮތުން 6 ސްކޫލކަށް އެ ސްކޫލްތަކުގެ މަސައްކަތްތައް ހުށައެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ޢަދީލް ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިފަހަރުގެ ކޮންފަރެންސްގައި 248 ބައިވެރިން ބައިވެރިވާނެކަމަށާއި، އޭގެ ތެރެއިން 44 ބައިވެރިން އޮންލައިންކޮށް ބައިވެރިވާނެކަމަށެވެ. އަދި މި މަހާސިިންތާގައި 68 ޕްރެޒެންޓޭޝަނެއް ހުށައެޅުމަށް ހަމަޖެހިފައިވާކާމަށްވެސް އޭނާ ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިފަހަރުގެ މަހާސިންތާގައި އޭލެވެލަށް ކިޔަވާ ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

"ދެދުވަހު 2 ކީނޯޓެއް އޮންނާނެ. 2 ޕެނަލް ޑިސްކަޝަންއެއް އޮންނާނެ. އެކި ސެޝަންތަކުގައި ޓީޗަރުންނަށް ހުށައާޅާދޭ ހުށައެޅުންތައްވެސް އޮންނާނެ." ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު ޢަދީލް ނަޞީރު ވިދާޅުވިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓް ޝުހުދާ ރިޒްވާން ވިދާޅުވީ މިފަހަރުގެ މަހާސިންތާގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އޮންލައިންކޮށް ހުޅުވާލި ކަމަށެވެ. އަދި މަހާސިންތާގައި ބައިވެރިވާ މުދައްރިސުންގެ މަހާސިންތާ ފީ ތައުލީމާ ބެހޭ ވުޒާރާއިން ސްޕޮންސަރކޮށްފައިވާކަމަށްވެސް ޝުހުދާ ވިދާޅުވިއެވެ. ޝުހުދާ ވިދާޅުވީ މިފަހަރުގެ މަހާސިންތާގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބޭފުޅުންވެސް ބައިވެރިވާކަމަށެވެ.

"ރާއްޖެއިން ބޭރުގެ ބޭފުޅުންވެސް ބައިވެރިވާނެ. ގިނައިން ބައިވެރިވަނީ އަވައްޓެރި ޤައުމުތަކުން. މެލޭސިޔާގެ ޔުނިވާސިޓީގެ ޕްރޮފެސަރުންވެސް ބައިވެރިވާނެ. ކީ ނޯޓް ސްޕީކާރސްގެ ގޮތުގައި ޔޫކޭއާއި އިނގިރޭސިވިލާތުގެ ބޭފުޅުންވެސް ބައިވެރިވޭ"އެން.އައި.އީގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓް ޝުހުދާ ރިޒްވާން ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް ނުވަތަ ބައިނަލްއަޤްވާމީ ޓީޗަރުންގެ މަހާސިންތާގެ 7 ވަނަ އެޑިޝަނަށް ކަނޑައަޅާފައިވާ ތީމަކީ "އެޑިއުކޭޓް އެމްޕަވަރ އެލިވޭޓް އިކުއިޓެބަލް އެޑިއުކޭޝަން ފޯރ ޓުވެންޓީ ފަސްޓް ސެންޗުއަރީ އެކްސެލެންސް"އެވެ. މި މަހާސިންތާއަށް ކޮންމެ ފަހަރަކުވެސް ތީމް ކަނޑައަޅަނީ އެއިރެއްގައި ތަޢުލީމީ ދާއިރާގައި ފާހަގަކުރެވޭ ކަންކަމަށް ބެލުމަށް ފަހުގައެވެ.

ޓީޗަރުންނަށް އަމާޒުކޮށްގެން ބާއްވާ މަހާސިންތާއަކީ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމަށާއި ޢިލްމީ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ހިއްސާކުރާނެ ޕްލެޓްފޯމެއް ހުޅުވައިދީ، ހުށަހެޅޭ ޢިލްމީ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތަކެއް ގެނައުމަކީވެސް މި މހަހާސިންތާ ބޭއްވުމުގެ މުހިއްމު މަޤުޞަދެއް ކަމަށް އެން.އައި.އީން ވިދާޅުވެއެވެ.