ޚަބަރު

ފަތުރުވެރިކަމަށް ޒުވާނުން ނިކުންނަންޖެހޭ، މާލީ ހުރަސްތައް ކުޑަކޮށްދޭނަން: ފަތުރުވެރިކަމާބެހޭ ވަޒީރު


  • މިކަމުގެ މަޝްވަރާތައް ބޭންކުތަކާއެކީ ދަނީ ކުރަމުން

  • ވޯލްޑު ބޭންކުގެ އެހީތެރިކަން ހޯދަމުންދާކަމަށް ވަޒީރު ވިދާޅުވި

ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނުތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގކުރުމަށްޓަކައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި ހަފްލާގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދާން ޝައުގުވެރިކަން ހުރި ޒުނާނުންނަށް ކުރިމަތިވާ އެންމެ ބޮޑު މާލީގޮތުން ކުރިމަތިވާ ހުރަސްތައް ކަމަށެވެ. އެގޮތުން ލޯނުތަކުގެ ބޮޑު އިންޓްރެސްޓު ރޭޓުތައް ކުޑަކުރުމަށް ރާއްޖޭގެ ބޭންކުތަކާއި އެކު މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ވޯލްޑް ބޭންކުގެ އައިއެފްސީއާއެކު ބޭއްވި ބައްދަލުވުމެއްގައިވެސް ޓޫރިޒަމް ޑިވެލޮޕްމަންޓު ފަންޑެއް، ކުޑަ އިންޓަރެސްޓު ރޭޓެއްގައި ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް ވަޒީރު ފައިސަލް ވިދާޅުވިއެވެ.

"ބީއެމްއެލްއާއި އެކު އަދި އެމްއައިބީއާއި އެކު މިދަނީ ކުރެވެމުން، އަދި ވޯލްޑް ބޭންކުގެ އައިއެފްސީއާއެކުވެސް އެކަމާއި މަޝްވަރާކޮށްފައިވާއިރު، ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ފަންޑެއް ލޯ އިންޓަރެސްޓެއް ހޭޓެއްގައި ހޯދާ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނޫނީ ދެވަނަ ކުއާޓަރުގެތެރޭގައި ކުރެވިގެންދާނެ ކަމަށް އުއްމީދުކުރެވޭ،" ފަތުރުވެރިކަމާބެހޭ ވަޒީރު ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލޯކަލް ޓޫރިޒަމް ކުރިއެރުމަށް، ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އެދާއިރާ ކުރިއެރުވުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގައި ހާއްސަ ޑިޕާޓްމަންޓެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭރުން އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ، ޓޫރިޒަމް މިނިސްޓްރީއިން މި ދޭ ޚިދުމަތްތައް އަވަސްކުރެވި، ހާއްސަކޮށް ރާއްޖޭގެ ދުރު އަތޮޅުތަކަށް ލޯކަލް ޓޫރިޒަމަށް ދޭން ޖެހޭ ސަމާލުކަން އިތުރުކުރެވި، މިކަމުގައި ކާމިޔާބާ ހަމައަށް ވާސިލުވުމަށް މުހިންމު ފިޔަވަޅަކަށްވެގެންދާނެ،" ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ޑައިވްކުރުމާއި ގުޅޭ ގަވާއިދަކީ 1991ވަނަ އަހަރު ހެދިފައިވާ ގަވާއިދެއް ކަމަށާއި، މިޒަމާނާގުޅޭ އަދި ރައްކާތެރިކަމުގައިވެސް ބަލަންޖެހޭ މިންގަނޑުތަކަށް ބެލުމަށްފަހު އެ ގަވާއިދަށް ކަމާއި ގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

މީގެއިތުރުން ރާއްޖެ ޑައިވް މަންޒިލެއްގެގޮތުގައި އިޝްތިހާރުކުރުމަށްޓަކައި ގިނަ މަސައްކަތެއް ކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައިވަނީ "ފުވައްމުލައް ޓޫޒިޒަމް އެވޯޑް 2024" ގެ ނަމުގައި ޚާއްސަ އެވޯޑުތަކެއް ދީފައެވެ. މިއީ އެސިޓީގެ ގެސްޓް ހައުސްގެ ވިޔަފާރިކުރާ ފަރާތްތަކާއި ފުވައްމުލަކުގައި ޑައިވް ސެންޓަރުތައް ހިންގާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް ދިން އެވޯޑެކެވެ.

ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން ފެށުނު ދުވަހުގެ ގޮތުގައި ބަލަނީ އެރަށުގައި އެންމެ ފުރަތަމަ ގެސްޓުހައުސްއެއް ހުޅުވި ދުވަހުގެ ތާރީޚަށެވެ. އެގޮތުން އެރަށުގައި ފުރަތަމަ ގެސްޓުހައުސްއެއް ހުޅުވާފައިވަނީ 16 ޖޫން 2013ގައެވެ. އެއީ ވިލަކްސާ ރިޓްރީޓުއެވެ.