ޚަބަރު

ޗައިނާ އޯޕަން: ސަބަލެންކާ އާއި ޒެންގް ތިންވަނަ ބުރަށް


ޗައިނާ އޯޕަން ޓެނިސް މުބާރާތުގައި އެއްވަނައަށް ސީޑް ކޮށްފައިވާ ބެލަރޫސްގެ އެރީނާ ސަބަލެންކާ އާއި ޗައިނާގެ ޒެން ކިންވެން މި މުބާރާތުގެ ތިންވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި މިވަގުތު ހުރި ސަބަލެންކާ މި މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ބުރުގައި ތައިލެންޑްގެ މަނަންޗާޔާ އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަކަމާއެކު ހައެއް ހަތަރެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ޗައިނާގައި ކުޅޭ މުބާރާތްތަކުގައި ކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ސަބަލެންކާ މިހާތަނަށް ކާމިޔާބުކޮށްފައިވާ 16 ސިންގަލް މުބާރާތްތަކުގެ ތެރެއިން ހަތަރު މުބާރާތް ކާމިޔާބުކޮށްފައިވަނީ ޗައިނާގައެވެ. ނަމަވެސް އޭނާއަށް އަދި މިހާތަނަށް ޗައިނާ އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި މުބާރާތުގެ ތިންވަނަ ބުރުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ އެމެރިކާގެ އެޝްލީން ކްރޫގޭ އެވެ. އޭނާ މި މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ނިއު ޒިލޭންޑްގެ ލޫލޫ ސަން އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް އެކެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ.

މި މުބާރާތުގައި ވާދަކުރާ ޗައިނާގެ ޒެން ކިންވެން ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ރަޝިޔާގެ ކަމީލާ ރަހިމޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް އެކެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ.

ޖުމްލަ 15 ހާސް މީހުންގެ ކުރިމަތީގާއި ކުޅުނު މި މެޗު ޒެންގް ކާމިޔާބު ކޮށްފައިވާއިރު, އޭނާ ވަނީ ދާދި ފަހުން ނިމިގެންދިޔަ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ޗައިނާ އަށް ރަން މެޑަލް ހޯދަދީފަ އެވެ.