ޚަބަރު

ބޮޑު އަގުގައި ސާމާނުތަކެއް ހޯދި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ފެނަކަ


  • ފެނަކައިން ބުނަނީ ބޮޑު އަގުގައި އެއްވެސް މުދަލެއް ހޯދާފައި ނުވާނެކަމަށް

ފެނަކަ ކޯޕަރޭޝަނުން ބޮޑު އަގުގައި ސްޕެއާތަކެއް ހޯދިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެކުންފުނިން ދޮގުކުރައްވައިފިއެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެ ކުންފުންޏަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތް އޮތީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައިވާ ގޮތުގެ މަތިން ޓެންޑާ ކޮމިޓީ މަރުހަލާގައި ކަމަށެވެ. އެހެންކަމުން އެ ތަކެއްޗަކީ މިހާތަނަށް ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫން ކަމަށާއި އަދި އެ މުދަލަށް އެއްވެސް ފައިސާއެއްވެސް ދައްކާފައި ނުވާނެ ކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ.

ފެނަކައިގެ ބަޔާނުގައި ވިދާޅުވީ އެ ކުންފުންޏަށް މުދާ ގަންނަނީ ފަންނީ މުވައްޒަފުންނަށް ފުރިހަމަ ބާރު ލިބޭ ގޮތަށް އެކުލަވާލެވިފައިވާ އިޖުރާއަތްތަކުގައި ހިމެނޭ ގިނަ މަރުހަލާތަކެއް ފުރިހަމަވެގެންކަމަށެވެ. އަދި އެ ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އަންނައިރު، ކުންފުންޏަށް ގަންނަ މުދަލުގެ ކޮލިޓީ އާއި އަގު އަދި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ޚިދުމަތާއި ވަގުތުގެ ހާލަތަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ.

"އާ މެނޭޖްމަންޓް ކުންފުންޏާ ހަވާލުވުމަށްފަހު، މި ކުންފުނިން ކުރިން އަމަލު ކުރަމުން ދިޔަ ޕްރޮކިއުމަންޓް އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުން ހުއްޓުވައި އުސޫލުތައް ހަރުދަނާ ކުރެވުނު އެގޮތުން މި ކުންފުންޏަށް ފެންވަރު ދަށް މުދަލާއި ހިދުމަތް ދެމުންދިޔަ ފޭކް ކުންފުނިތައް ނުވަތަ ވެންޑަރުން ބްލެކް ލިސްޓް ކުރެވުނު. މިއީ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކުންފުނީގެ ފަންނީ މުވައްޒަފުންގެ ލަފާ ހިމެނިގެން ނިންމާފައިވާ ނިންމުމެއް." ފެނަކައިގެ ބަޔާނުގައިވެއެވެ.

ފެނަކައިގެ ބަޔާނުގައި ވަނީ އެ ކުންފުންޏަށް ހިދުމަތްދޭ ފަރާތްތަކަކީ ހަރުދަނާ ޓެންޑާ ޕްރޮސެސްއެއްގެ ތެރެއިން ކުންފުނީގައި ރަޖިސްޓްރީ ކުރެވި، އެއްބަސްވުމެއް ގާއިމުވުމުގެ ކުރިން ކޮމިޓީތަކުގައި އިވެލުއޭޓް ކުރެވޭ ފަރާތްތަކެވެ. އެހެންކަމުން ކުންފުންޏަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކުގެ ބޮލުގައި "ފޭކް" އިލްޒާމް އަޅުވައި ހަބަރު ފެތުރުމަކީ އެ ކުންފުންޏާ މެދު އޮންނަ ގުޅުން ހީނަރުވެ، އިތުބާރު ގެއްލޭނެ ސަބަބެއް ކަމަށް ބަޔާނުގައިވެއެވެ. އަދި ޒާތީ ނުވަތަ ސިޔާސީ ނުރުހުމެއްގެ ތެރެއިން ނަމަވެސް ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް މިފަދަ ހަބަރުތައް ނުފެތުރުމަށްވެސް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.