ޚަބަރު

މެސީގެ ލަނޑުން އިންޓަރ މަޔާމީއަށް ޕޮއިންޓެއް


އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި އިއްޔެ އިންޓަރ މަޔާމީ އާއި ޝާލޮޓް ބައްދަލުކުރި މެޗުގައި ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުން، ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އިންޓަރ މަޔާމީގެ ދަނޑުގައި ކުޅުނު މި މެޗުގެ އެއްވަރު ވެފައިވާއިރު މިއީ ޖެހިޖެހިގެން އެއްވަރުވެފައިވާ ތިންވަނަ މެޗެވެ. މީގެ ކުރިން އިންޓަރ މަޔާމީ ވަނީ ޖެހިޖެހިގެން ފަސް މެޗުން މޮޅުވެފަ އެވެ.

މި މެޗު އެއްވަރުވެފައިވާއިރު, ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން އިންޓަރ މަޔާމީ އޮތީ 65 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. ޝާލޮޓް އެފްސީ އަށް 31 މެޗުން 42 ޕޮއިންޓާއެކު ލިބިފައިވަނީ ތާވަލުގެ 16 ވަނަ އެވެ. ދެވަނައިގައި އޮތް ލޮސްއެންޖަލިސް ގެލެކްސީއަށް 31 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ޝާލޮޓްގެ ސްވިޑާސްކީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި ލަނޑަށްފަހު އިންޓަރ މަޔާމީއިން ވަނީ އެ ޓީމުގެ ހަމަލަތައް އިތުރަށް ވަރުގަދަކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ލުއިސް ސުއަރޭޒް އާއި ލިއޮނެލް މެސީ ފޮނުވާލި ގިނަ ހަމަލަތަކެއް ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައި އޭރިޔާ ބޭރުގައި ހުރެ ލިއޮނެލް މެސީ ފޮނުވާލި ބާރު ހަމަލާ އަކުންނެވެ.