ޚަބަރު

ގއ. ވިލިނގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހުން ހައްޔަރުކޮށްފި


  • މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއް ފެނުނު

ގއ. ވިލިނގިލީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއީ އެ އިދާރާގެ ނާކޮޓިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ވިލިނިގިލީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި އެތެންސް، އުމުރުން 24 އަހަރުގެ މުހައްމަދު އަތޫފް ހަބީބާއި ގއ. ވިލިނގިލި ޒޫމް، އުމުރުން 25 އަހަރުގެ މުހައްމަދު ތަޤިއްޔު އަދި ގދ. ގައްދޫ ވިލަސް، އުމުރުން 23 އަހަރުގެ މުޙައްމަދު ޒަހުވާނެވެ.

މި އޮޕަރޭޝަނުގައި، 3 މީހުން ހައްޔަރުކޮށް، އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އަތޫފް ހަބީބް 15 ދުވަހަށް އަދި މުޙައްމަދު ތަޤިއްޔުއާއި މުޙައްމަދު ޒަހުވާން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.