ޚަބަރު

ސްޓްރާސްބޯގް އަތުން ބަލިވެ މާސޭގެ ރިކޯޑު ނިމުމަކަށް


ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި ސްޓްރާސްބޯގް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ، އޮލިމްޕިކް މާސޭއިން ދަމަހައްޓަމުން އައި މެޗަކުން ބަލިނުވުމުގެ ރިކޯޑު ނިމުމަކަށް އަތުވެއްޖެއެވެ.

މި ނަތީޖާއާއެކު މާސޭ އޮތީ އެންމެ ކުރީގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ އަށް ވުރެ ތިން ޕޮއިންޓް ފަހަތުން ތާވަލްގެ ތިންވަނައިގައެވެ. އެއްވަނައިގައި އުޅޭ ޕީއެސްޖީ އާއި ދެވަނައިގައި އޮތް އޭއެސް މޮނާކޯ އަށް ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ޕީއެސްޖީ އަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި މާސޭ އޮތީ ހަ މެޗުން 13 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރެއްގައި އޮތީ ރެއިމްސް އެވެ.

ސްޓްރާސްބޯގްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ވާތު ފުލްބެކް، ޑިއޭގޯ މޮރެއިރާ އެވެ. އޭގެކުރީން، މާސޭގެ ފޯވާޑް، މޭސަން ގްރީންވުޑް ފޮނުވާލި ހަމަލާއެއް ސްޓްރާސްބޯގްގެ ގޯލްކީޕަރު، ޖޯޑޭ ޕެޓްރޮވިޗް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި މާސޭގެ ކޯޗު، ރޮބާޓޯ ޑެ ޒާބީ ވަނީ ދާދިފަހުން ހިލޭ ޓްރާންސްފާއެއްގައި އެ ޓީމާ ގުޅުނު ފްރާންސް މިޑްފީލްޑަރު، އެޑްރިއެން ރަބިއޯ ކުޅެން ނެރެފައެވެ. މިއީ މާސޭ އަށް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނީލް މޯޕޭ ފޮނުވާލި ހަމަލާ ވެސް ސްޓްރާސްބޯގްގެ ކީޕަރު، ޕެޓްރޮވިޗް ހުއްޓުވިއެވެ.

މި މެޗުން ހޯދީ މޮޅާއެކު ސްޓްރާސްބޯގް ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓް ހަމަކޮށް، ތާވަލްގެ 8 ވަނަ އަށް ޖެހިލައިފައެވެ. ސްޓްރާސްބޯގްގެ މިހާރުގެ ކޯޗަކީ، ލިއާމް ރޮސެނިއާ އެވެ. އޭނާ އަކީ ކުރީން، ފުލަމް އާއި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު ފޯވާޑް، ލެރޯއީ ރޮސެނިއާގެ ދަރިފުޅެވެ.

ލީގުގައި ސްޓްރާސްބޯގް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ލެންސްއާ އެވެ. މާސޭ އަށް ދެން އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެންމެ ފުލުގައި އޮތް އޭންޖާސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.