ޚަބަރު

ކޭންގެ އަނިޔާ ސީރިއަސް ނޫން ކަމަށް ބަޔާނުން ބުނެފި


ބަޔާން މިއުނިކްގެ ތަރި ހެރީ ކޭންއަށް ލިބިފައިވާ އަނިޔާ، މީގެކުރިން ހީކުރި ވަރަށް ވުރެ ސީރިއަސް ނޫން ކަމަށް އެ ކުލަބުން ބުނެފިއެވެ.

31 އަހަރުގެ ކޭން އަށް އަނިޔާވީ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަންއާ 1-1 އިން ބަޔާން އެއްވަރުވި މެޗުގައެވެ. ބަޔާނުން ބުނީ އިއްޔެ ކްލަބުގެ މެޑިކަލް ޓީމުން ހެދި ޓެސްޓުތަކުން ދައްކާގޮތުން އަނިޔާއާ ގުޅޭ ޕޮޒިޓިވް ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި، މިހާރެކޭ އެއްގޮތަށް ކޭންގެ އަނިޔާއަށް ފަރުވާ ހޯދަމުން ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކްލަބުން ބުނެއެވެ.

ލެވަކޫސަންއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ކޭންގެ ފައިގެ ކުޑަހުޅަށް އަނިޔާވީ، އަމީން އަޑްލީ ކުރި ޓެކުލެއްގެ ސަބަބުންނެވެ. މި އަނިޔާއާ ގުޅިގެން ކޭން ވަނީ ބަދަލުކޮށްފައެވެ.

މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ރަނގަޅު ފޯމެއްގައި ހުރި ކޭން ވަނީ ލީގުގައި ބަޔާން ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ފަސް ލަނޑުޖަހައި، އިތުރު ހަ ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

މީގެއިތުރުން، ބަޔާނުން ޗެމްޕިއަންސް ލީގުގައި ޑިނަމޯ ޒަގްރެބް އަތުން 9-2 އިން މޮޅުވި މެޗުގައި ވެސް ކޭން ވަނީ ހަތަރު ލަނޑުޖަހައިފައެވެ. އަދި، ޖަރުމަނުގެ ކަޕްގައި ބަޔާން ކުޅުނު ފުރަތަމަ މެޗުގައި ވެސް ކޭން ލަނޑުޖެހިއެވެ.

ބަޔާނުން ދެން ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކޭންއަށް ކުޅެވޭނެކަން އެ ކްލަބުން ކަށަވަރުކޮށްދީފައެއްނުވެއެވެ.