ޚަބަރު

ފަސްކުރި ސްޕޯޓްސް އެވޯޑްސް މި މަހުގެ 17 ގައި


ކުޅިވަރުގެ ދާއިރާއިން މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނާއި ޓެކްނިކަލް އޮފިޝަލުން ހޮވުމަށް ބާއްވާ "މޯލްޑިވިސް ސްޕޯޓްސް އެވޯޑްސް 2024" މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

މީގެ ކުރިން މިދިޔަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު މި އެވޯޑް ހަފުލާ ބޭއްވުމަށް ތާވަލުކުރި ނަމަވެސް، ސަރުކާރުން މާލީ ހާލަތު ރަނގަޅުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމާއެކު އެވޯޑް ހަފުލާގެ މަސައްކަތް ވަނީ ފަސްކޮށްފައެވެ.

ރާއްޖޭގެ 18 ކުޅިވަރު އެސޯސިއޭޝަނަކުން މި ފަހަރުގެ އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ވަނީ ނަން ހުށަހަޅާފައެވެ. އަދި މި ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުގެ ކުޅުންތެރިންގެ ތަފާސްހިސާބުތަކަށް ޕޮއިންޓް ދިނުމުގައި "އޭއައި" ގެ ބޭނުން ވަނީ ހިފާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ޖަޖުން ޕެނަލްގައި ހިމެނެނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަބްދުލް ނާފިއު ތައުފީގުގެ އިތުރުން ފީފާ އާއި އޭއެފްސީގެ މެޗު ކޮމިޝަަނަރު އަޙްމަދު ޝާހިރާއި، ކުރީގެ ފީފާ ރެފުރީ އަލީ ސަލީމާއި، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާޢީލް ސުޖާއު އަދި ގައުމީ ސްޕޯޓްސް ކައުންސިލުގެ މެންބަރު އާމިނަތު ނާޝިދެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ އަހަރެކެވެ. އެގޮތުން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސްގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ދިވެހި އެތުލީޓުންނާއި ޓީމުތައް ވަނީ ވާދަކޮށްފައެވެ. އެހެންކަމުން ކުޅުންތެރިންގެ އެ ކާމިޔާބީތައް މިނެކިރާއިރު ވަރަށް ޗެލެންޖިން ކަމަށާއި، ނަމަވެސް އެންމެ އިންސާފުވެރިކަމާއެކު އެވޯޑުގެ ކަންކަން ކުރިއަށްގެންދިއުމަށް މުޅި ކޮމިޓީންވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާފިއު ވަނީ ފާހަގަކުރައްވާފައެވެ.
 
މިދިޔަ ދެ އަހަރު ދިން ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑުގެ ބަދަލުގައި މިފަހަރު ދިނުމަށް ނިންމާފައިވަނީ ސްޕޯޓްސް ވިޝުއަލް އާޓިސްޓް އޮފް ދަ އިޔަރގެ ނަމުގައި އެވޯޑެވެ. އެކަމަކު އެހެން އެވޯޑުތަކަށް މި ފަހަރު އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.