ޚަބަރު

ކެމަރޫން އެފްއޭގެ ރައީސް ސެމުއެލް އެޓޫ ފީފާއިން ސަސްޕެންޑްކޮށްފި


ކެމަރޫން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ސެމުއެލް އެޓޫ، ބައިނަލްއަގުވާމީ އެއްވެސް ފުޓްބޯޅަ މެޗެއް ބެލުމަށް ދަނޑަށް ނުދެވޭ ގޮތަށް ހަ މަސް ދުވަހަށް ފީފާއިން ސަސްޕެންޑްކޮށްފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޓޫ ސަސްޕެންޑް ކޮށްފައިވަނީ ކޮލަމްބިއާގައި ކުރިއަށްދިޔަ ފީފާ 20 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕްގައި ކެމަރޫން އާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގައި އެޓޫ ފީފާގެ ފެއަރ ޕްލޭ ގަވާއިދުތަކާއި ޚިލާފު ވެފައިވާކަމަށް ބުނެއެވެ.

ކެމަރޫން އާއި ކޮލަމްބިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ކޮލަމްބިއާ އެވެ.

އެޓޫގެ ފަރާތުން ފެނުނު ކަންތައްތަކުގެ ތަފްސީލު ހާމަކޮށްފައިނުވި ނަމަވެސް ކޮލަމްބިއާ އާއި ދެކޮޅަށް ކެމަރޫން ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކާއިމެދު އެޓޫ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ސްޕެއިންގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ ޗެލްސީއަށް ކުރިން ކުޅެފައިވާ އުމުރުން 43 އަހަރުގެ އެޓޫ ބައިނަލްއަގްވާމީ އެއްވެސް މެޗެއް ބެލުމަށް ނުވަދެވޭ ގޮތަށް ފީފާއިން ސަސްޕެންޑް ކޮށްފައިވާއިރު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މި މަހު ކެންޔާ އާއި ދެކޮޅަށް ކެމަރޫން ކުޅޭނެ އެވެ.

ފީފާއިން އެޓޫ ސަސްޕެންޑް ކޮށްފައިވާއިރު, ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް އިން ވަނީ އެއިދާރާގެ ގަވާއިދުތަކާއި ޚިލާފުވެފައިވާ ކަމަށްބުނެ މީގެ ތިން މަސް ކުރިން އެޓޫ ޖުރިމަނާ ކޮށްފަ އެވެ.

ކެމަރޫން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ކަމަށް އެޓޫ އިންތިޚާބު ވެފައިވަނީ 2021 ވަނަ އަހަރު ބޭއްވި އިންތިޚާބުގަ އެވެ. އިންތިޚާބަށްފަހު އެ އިދާރާގެ ހިންދުން ދޯދިޔާވެފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުންވަނީ އެޓޫއަށް ފާޑު ކިޔާފަ އެވެ.