ޚަބަރު

ލެވަކޫސަނާ ދެކޮޅަށް ކުޅޭއިރު ޑިފެންސަށް ވިސްނަން ޖެހޭނެ: ފޮންސޭކާ


ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަނާ ދެކޮޅަށް މިރޭ ނިކުންނައިރު، އިޓަލީގެ ރަސްމީ ޑިފެންސިވް ގޭމެއް ކުޅެންޖެހޭނެ ކަމަށް އޭސީ މިލާނުގެ ކޯޗު ޕައުލޯ ފޮންސޭކާ ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ފޮންސޭކާ ބުނެފައިވަނީ އިޓަލީގެ ޓީމުތައް ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު އަބަދުވެސް އަޑުއިވެނީ ޑިފެންސިވް ގޭމެއް ކުޅޭ ޓީމުތަކެއްކަމަށް ބުނެ ވާހަކަ ދައްކާ އަޑު ކަމަށެވެ. އަދި އޭނާއަކީ އަބަދު ޑިފެންސަށް އިސްކަން ދީގެން ކުޅެން ބޭނުންވާ މީހެއް ނޫން ކަމަށާއި ނަމަވެސް މިރޭގެ މެޗުގައި ލެވަކޫސަން އާއި ދެކޮޅަށް އޭނާ ނިކުންނާނީ އިޓަލީގެ ރަސްމީ ޑިފެންސިވް ގޭމެއް ކުޅޭ ގޮތަށް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އޭސީ މިލާން ވަނީ ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އޭސީ މިލާންގެ ކްރިސްޓިއަން ޕުލިސިޗް މެޗުގެ ތިންވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދަދީފައިވަނިކޮށް ލިވަޕޫލް އިން މެޗު ކާމިޔާބުކުރީ ފަހަތުން އަރާ ތިން ގޯލު ކާމިޔާބުކޮށްގެންނެވެ.

އެއާއި ޚިލާފަށް ލެވަކޫސަން ވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗު ރަށުން ބޭރުގައި ފެނޫޑް 4-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. ބުންޑެސްލީގާގެ އެންމެ ފަހުގެ ޗެމްޕިއަން މި ސީޒަނުގައި ލީގުގައި ކުޅުނު ހަ މެޗުގައި ވަނީ ބައިކޮޅަށް 10 ގޯލު ވަދެފައެވެ. މިދިޔަ ސީޒަނުގައި އެ ޓީމު ކޮޅަށް ވަދެފައިވަނީ ޖުމްލަ 24 ލަނޑެވެ.

ހަތް ފަހަރު މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އޭސީ މިލާން ވަނީ މި ސީޒަނުގައި ސެރިއާގައި މިހާތަނަށް ކުޅުނު ހަ މެޗުގައި 14 ގޯލު ކާމިޔާބުކޮށްފަ އެވެ.