ޚަބަރު

އާސެނަލާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި ޑެމްބެލޭ ނުފެންނާނެ


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އާސެނަލާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި އެ ޓީމުގެ ފޯވާޑް އުސްމާން ޑެމްބެލޭ ނުކުޅޭނެއެވެ.

އާސެނަލް އާއި ދެކޮޅަށް އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މެޗަށް ލަންޑަނަށް ދިޔަ ޕީއެސްޖީގެ ސްކޮޑުގައި ޑެމްބެލޭ ހިމަނާފައިނުވަނީ ލީގުގައި މިދިޔަ ހުކުރު ދުވަހު ޕީއެސްޖީ އާއި ރޭން ބައްދަލު ކުރި މެޗުގައި ޑެމްބެލޭ ބަދަލުކުރުމުން އެކަމާއި ހިތްހަމަ ނުޖެހި ކޯޗް ލުއިސް އެންރީކޭ އާއި ޑެމްބެލޭ އާއި ދެމެދު ޖެހިފައިވާ މައްސަލައިގެ ސަބަބުންނެވެ.

އެންރީކޭ ބުނެފައިވަނީ އޭނާ މަސައްކަތް ކުރަނީ ޓީމަށް ކާމިޔާބީ ހޯދައިދޭން ކަމަށާއި އަދި އެކަން ނޭނގޭ ކުޅުންތެރިއަކު ހުރިނަމަ އެ ކުޅުންތެރިއަކު މެޗެއް ކުޅެން ތައްޔާރު ނޫން ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ހުރިހާ ކުޅުންތެރިންނަކީވެސް ޓީމަށް ކާމިޔާބީ ހޯދައިދޭން ތައްޔާރަށް ތިބި ބަޔަކަށްވާން ޖެހޭނެ ކަމަށާއި އޭނާގެ މި ނިންމުމަކީ އެގޮތަށް ނިންމާފައިވާ ރަގަޅު ނިންމުމެއް ކަމަށްވެސް އެންރީކޭ ވަނީ ބުނެފަ އެވެ

ފްރާންސްގެ ގައުމީ ޓީމުގައިވެސް ހިމެނޭ ޑެމްބެލޭ ވަނީ މި ސީޒަނުގައި ފްރެންޗް ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގައި ހަތަރު ގޯލު ޖަހާފަ އެވެ. އަދި ޕީއެސްޖީގެ ކުރީގެ ފޯވަޑް ކިލިއަން އެމްބާޕޭ އެ ޓީމު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން ޕީއެސްޖީގެ އެންމެ މުހިންމު އަދި މަޝްހޫރު ކުޅުންތެރިއެއްގެ ގޮތުގައި ބެލެވޭ އެއް ކުޅުންތެރިއަކީ ޑެމްބެލޭ އެވެ.

ޑެމްބެލޭ އާއި އެންރީކޭ އާއި ދެމެދު މައްސަލައެއް ޖެހުނު ކަމަށް މީޑިޔާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން އެންރީކޭ ބުނެފައިވަނީ އެއީ ދޮގު ވާހަކައެއް ކަމަށާއި އެފަދަ މައްސަލައެއް ނެތް ކަމަށެވެ. އަދި މި ނިންމުމަކީ ޑެމްބެލޭ އުފުލަންޖެހޭ ޒިންމާއާއި ގުޅުންހުރި ކަމެއް ކަމަށާއި އަދި މިއީ ބަދަލުނުވާނެ ނިންމުމެއް ނޫން ކަމަށްވެސް އެންރީކާ ވަނީ ބުނެފަ އެވެ.