ޚަބަރު

ވޯޓަރ ބަންކަރިންގ ޚިދުމަތް ހޯދުމަށް ފުރަތަމަ ބޯޓު ބުރާސްފަތި ދުވަހު ރާއްޖެ އަންނަނީ


  • މި ބޯޓް 5 ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި މަޑު ކުރާނެ

  • މިއީ ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ އޮއިލް ޕޮރޮޑަކްސް ޓޭންކަރ އެއް

ވޯޓަރ ބަންކަރިންގ ޚިދުމަތް ހޯދުމަށް ފުރަތަމަ ބޯޓު ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅުގައި ބަނދަރު ކުރާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޓްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާއަތެއްގެ ގޮތުގައި ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްޤީ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުން ދަތުރުކުރަމުން ގެންދާ ރާއްޖެއިން ބޭރުގެ ބޯޓުފަހަރަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް "އުތުރު މެރިޓައިމް ސަރވިސަސް"ގެ ނަމުގައި ޚާއްސަ ޚިދުމަތެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވަގުތު ޖުމުލަ 14 ޚިދުމަތެއް ދިނުމަށް ތައްޔާރު ކުރެވިފައިވާ މިފެސިލިޓީއިން ދެވޭ ޚިދުމަތްތަކާ ބެހޭ މައުލޫމާތުތައް، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހޯދަމުންދާކަމަށެވެ.

އެގޮތުން މިފެސިލިޓީއިން ޚިދުމަތް ހޯދުމަށް ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާއޮއިލް ޕޮރޮޑަކްސް ޓޭންކަރެއް، މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އިހަވަންދިއްޕޮޅަށް ބަނދަރުކުރާގޮތަށް ހަމަޖެހިފައިވާކަމަށް ވަޖީހް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ، މި ބޯޓުން ހޯދުމަށް އެދިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ޕައިލެޓޭޖް ޚިދުމަތް، ފުރެޝް ވޯޓަރ ބަންކަރިންގ އަދި ކުރޫ ޗޭންޖްގެ ޚިދުމަތް ހިމެނޭކަމަށެވެ.

"ރާއްޖޭއިން ބޭރުން އަންނަ 6 ކުރޫއެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހއ. އަތޮޅަށް ގެންގޮސް ބޯޓަށް އަރުވައިދީ، ބޯޓުގައި ތިބި 9 ކުރޫ އެއް ބޯޓުން ބާލައިގެން ގެންގޮސް ވެލާނާ އިންޓަނޭޝަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރުވާލުން މިވަގުތަށް ޖުމްލަ 15 ކުރޫ ޗޭންޖް، މިއަދަދު އަދި އިތުރު ވެދާނެ ކަމަށް ބެލެވޭ." ވަޖީހު ވިދާޅުވިއެވެ.

މީގެ އިތުރުން ކާބޯތަކެތި ސަޕްލައިކޮށްދިނުން އަދި ސްޕެއަރ ޕާޓުސް ސަޕްލައިކޮށްދިނުން ހިމެނޭކަމަށް ވަޖީހު ވިދާޅުވިއެވެ.

މި ބޯޓަށް ޚިދުމަތް ދިނުމުގައި އެމްޕީއެލްގެ އިތުރުން، އަމިއްލަ ކުންފުނިތައް ވެސް ބައިވެރިވާނެއެވެ. އަދި ބޯޓުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ބޯޓުގެ ބައެއްކަހަލަ މެއިންޓެނެންސް މަސައްކަތް ކުރަން ހުރުމުން މިބޯޓު އިހަވަންދިއްޕޮޅުގައި ގާތްގަނޑަކަށް 5 ވަރަކަށް ދުވަހު މަޑުކުރުން އެކަށީގެންވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

މިއީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުޞަތުތައް ހުޅުވިގެން ދާނެކަމެއްގެ ގޮތުގައި އެކުންފުނީގެ ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިން މެރިޓައިމް ދާއިރާއިން ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ތަޢާރަފުކުރި "އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ" އައިއެސްޕީއެސް ގޭޓު ފެސިލިޓީ ޤާއިމްކޮށްފައިވަނީވެސް އިހަވަންދިއްޕޮޅުގައެވެ.

މި ޚިދުމަތްތަކާބެހޭ މަޢުލޫމާތުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި މިކަމަށް ޚާއްސަ ވެބްސައިޓަކާއި، 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. މި ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ ބަންކަރިންގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ކުރާ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.