ޚަބަރު

ފޯޑެން ވަރަށް އަވަހަށް އެންމެ ރަނގަޅު ފޯމަށް އެނބުރި އަންނާނެ: ގާޑިއޯލާ


މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޯޑެން "ވަރަށް އަވަހަށް އޭނާގެ އެންމެ ރަނގަޅު ފޯމަށް" އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ފޯޑެން ވަނީ، ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއްދައްކައި، ހުރިހާ މުބާރާތެއްގައި ވަނީ ސިޓީ އަށް 27 ލަނޑުޖަހައިދީފައެވެ. އަދި މިދިޔަ އަހަރުގެ ޕީއެފްއޭ ޕްލެއާ އޮފް ދި އިޔާގެ މަގާމު ވެސް ހާސިލްކުރީ އޭނާ އެވެ. އެއަށްފަހު، މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިންގްލެންޑް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރިނަމަވެސް، މި ފަހަރުގެ ސީޒަނުގައި މިހާތަނަށްއައިއިރު ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ އެންމެ މެޗެއްގައެވެ.

އެގޮތުން، އޭނާ ސިޓީއަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައިވާއިރު، ފުރަތަމަ އެގާރައިގައި ހިމެނިފައިވަނީ އީއެފްއެލް ކަޕްގައި ވޯޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި އެކަންޏެވެ.

ނަމަވެސް، މިހަފްތާގެ ބުދަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްލޮވާކިއާގެ ސްލޮވާން ބްރަޓިސްލާވާއާ ދެކޮޅަށް ސިޓީ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ފޯޑެންގެ އެންމެ ރަނގަޅު ފޯމެއް އެނބުރި އަންނާނެ ކަމަށް ގާޑިއޯލާ އުއްމީދުކުރެއެވެ.

"އަހަރެންގެ ހިތުގައި ވަރަށް ގިނަ ކަންކަމާ މެދު ޝައްކު އެބަހުރި. އެކަމަކު ފިލް އެނބުރި އެންމެ ރަނގަޅު ފޯމަށް އަންނާނެކަން އަހަރެންނަށް އެނގޭ." ގާޑިއޯލާ ބުންޏެވެ.

އެގޮތުން، ގާޑިއޯލާ ބުނީ، ލީގުގައި އެންމެ ފަހުން ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި ފޯޑެންގެ ކިބައިން ރަނގަޅު ކަންތައްތަކެއް ފެނިގެންގޮސްފައިވާ ކަމަށާއި، އޭގެކުރީން ވަޓްފޯޑާ ދެކޮޅަށް އެ ފަދަ ކުޅުމެއް އޭނާގެ ފަރާތުން ނުފެނުނު ކަމަށެވެ.

މި ސީޒަނުގައި މިހާތަނަށް ފޯޑެންގެ ފަރާތުން ގޯލެއް ފެނިފައިނުވާއިރު، ފަހަރުގައި ކުރިއަށް އޮތް މެޗަކީ އެ ހުރިހާ ކަމެއް ބަދަލުވެގެންދާނެ މެޗަށްވުން އެކަށީގެންވެއެވެ. މި ފަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބްރަޓިސްލާވާ އެންމެ ފުރަތަމަ ކުޅުނު މެޗުގައި ސެލްޓިކް އަތުން ބަލިވީ 1-5 އިންނެވެ.

"ހަނދާން ބަހައްޓާ، ޔޫރޯގެ ފަހުން އޭނާއަށް ދެ މަސް ދުވަހު އެއްވެސް ތަމްރީނެއް ނުކުރެވުނު. އޭނާއަށް ކުދިކުދި އަނިޔާތަކާއި ޞިއްޙީ މައްސަލަތަކެއް ދިމާވި،" ގާޑިއޯލާ އިތުރަށް ބުންޏެވެ.

އެކަމަކު، މިހާރު އޭނާގެ އެންމެ ރަނގަޅު ފޯމަށް އެނބުރިއައުމުގެ މަގުމަތީގައިވާ ކަމަށާއި، ނިމިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ ފުރިހަމަ ބައިވެރިވުން ސިޓީ އަށް ބޭނުންވާ ކަމަށް ގާޑިއޯލާ ބުންޏެވެ. އަދި، އެ ޓީމުގެ ފަރިތަކުރުންތަކުގައި ފޯޑެންގެ ފަރާތުން މިހާތަނަށް ފެންނަމުންދާ ކަންތައްތަކަށް ބަލާއިރު އެންމެ ރަނގަޅު ފޯމަށް އެނބުރިއައުމާ މެދު ޝައްކެއްވެސް ނެތް ކަމަށް ނިންމާލަމުން ގާޑިއޯލާ ބުންޏެވެ.

އެންމެ ފަހުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން، ސިޓީ އިން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އޭގެތެރޭގައި، މި ފަހަރު މުޅިން އައު ފޯމެޓަކަށް ކުޅެމުންއަންނަ ޗެމްޕިއަންސް ލީގުގެ ލީގު ފިޔަވަހީގެ ބުރުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ލަނޑެއްނުޖެހި އިންޓައާ އެއްވަރުވި މެޗު ހިމެނެއެވެ.