ޚަބަރު

ޝަރަފަށް 2027 ވަނަ އަހަރުގެ އައިއޯއައިޖީގެ ޓާގެޓް


ގިނަ ދުވަސްތަކަކަށް ފަހު ގައުމީ ވޮލީބޯޅަ ޓީމާ ހަވާލުވެގެން ހުރި ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝަރަފަށް އޮތް އެންމެ ބޮޑު ޓާގެޓަކީ 2027 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްއަށް ފަހު ގައުމީ ޓީމުން ރިޓަޔާކޮށް، ކުލަބު ވޮލީގައި ގިނަ ޓީމުތަކަށް އިރުޝާދުދީ އެޓީމުތަކަށް ޝަރަފްވަނީ ކާމިޔާބުތަށް ހޯދައިދީފައެވެ. އަލުން ގައުމީ ޓީމާއި ޝަރަފް ހަވާލުވެފައި ވަނީ ވީއޭއެމް އިން ގައުމީ ޓީމުތަކަށް ކޯޗުން ހޯދަން ކުރި އިއުލާންގެ ތެރެއިން އެކަމަށް ކުރިމަތިލައިގެންނެވެ. ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ކާވާ މެންސް ވޮލީބޯޅަ ޗެލެންޖަށް ގައުމީ ޓީމު، ޝަރަފާއި ހަވާލުކޮށްފައި ވީ ނަމަވެސް މައިގަޑު އަމާޒު އޮތީ އައިއޯއައިޖީގެ ރަންމެޑަލްއަށް ކަމަށާއި ޝަރަފާއި ހަވާލުކުރެވިފައިވާ މަސައްކަތަކީ އެއީ ކަމަށެވެ.

ކުރިއަށް އޮތް މުބާރާތަށްވެސް ގޮންޖެހުން ބޮޑު

ގައުމީ ސީނިޔަ ޓީމުގެ ކޯޗުކަމުގެ މަގާމާއި ގިނަ އަހަރުތަކަށް ފަހު ޝަރަފް ހަވާލުވިއިރު ޝަރަފް ފުރަތަމަ ބޭނުންވީ 20 އަހަރުންދަށުގެ ގައުމީ ފިރެހެންޓީމަށް އިރުޝާދު ދިނުމަށެވެ. އެހެން ނަމަވެސް އޭނާގެ ވިސްނުން ބަދަލުކުރީ ވީއޭއެމްގެ މެނޭޖްމަންޓްގެ އެދުމުގެ މަތިން ދިވެހި ވޮލީއަށް އެއްމެ ރަނގަޅުގޮތަކީ އެގޮތް ކަމަށް ގަބޫލުކުރެވޭތީއެވެ. އޮކްޓޯބަރު މަހުގެ 18 އިން 24 އަށް ކުރިޔަށްދާ ކާވާ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ފަރިތަކުންތައް ފަށާފައިވާއިރު ޝަރަފަށް އިންތިހާ ދަރަޖައިގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އެންމެ ބޮޑު ނުތަނަވަސްކަމަކީ ފަރިތަކުންތައް ކުރިޔަށްގެންދަން އޮތް ގޮންޖެހުމެވެ. ތިން ކުޅިވަރެއް ބޭނުން ކުރަމުންދާ ސޯޝަލްގެ އިންޑޯ މި ވަގުތު ހާއްސަވެފައި ވަނީ ބާސްކެޓަށެވެ. ގައުމީ ޓީމުގެ ފަރިތަކުންތައް ކުރިޔަށްގެންދަނީ ދަންވަރު ގަޑީގައެވެ. އެހެން ކަމުން އެންމެ އެކަށީގެންވާ ގޮތައް ފަރިތަކުންތައް ކުރިޔަށްގެންދަން ގިނަ ދަތިތަކެއް ހުރި ކަމަށް ކޯޗު ފާހަގަކުރިއެވެ.

ކުރިޔަށް އޮތް މުބާރާތުގައި ވާދަކުރާ ގިނަ ގައުމުތަކަކީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް ވުރެން ވަރުގަދަ ޓީމުތަކެވެ. ތުރުކުމަނިސްތާން، އުޒުބަކިސްތާން، އަފްއާނިސްތާން، ބަންގްލަދޭޝް މި ގައުމުތަކަކީ މުބާރާތުގެ ފޭވަރިންޓުން ކަމަށް ޝަރަފް ގަބޫލުކުރެއެއެވެ.

2013 ވަނަ އަހަރުގެ ފައިނަލްގައި ސަރީލަންކާއަތުން ރާއްޖެ ބަލިވެފައިވާއިރު 2015 ވަނަ އަހަރުގެ ފައިނަލްގައި ރާއްޖެ ބަލިވެފައި ވަނީ ތުރުކުމަނިސްތާން އަތުންނެވެ. އެއަށް ފަހު 2016 ވަނަ އަހަރުގެ ތިން ވަނަ މަގާމު ރާއްޖެވަނީ ހޯދާފައެވެ. ގައުމީ ޓީމާއެކު ޝަރަފް ހޯދި ކާމިޔާބުތަކަށް ބަލާއިރު 20011 ވަނަ އަހަރުގެ އައިއޯއައިޖީގެ ސެމީފައިނަލާއި، 2013 ވަނަ އަހަރުގެ ސެންޓަރަލް އޭޝިއަން މުބާރާތުގެ ފައިނަލް ކުޅެ ރިހި މެޑަލް ހޯދުން ހިމެނެއެވެ. މިއީ ވޮލީބޯޅައިގައި ރާއްޖެ ހޯދި ފުރަތަމަ މެޑަލްއެވެ. އޭގެ ފަހުން ރަންމެޑަލްއަކަށް ރާއްޖެ ުންމީދު ކުރާރާ 11 އަހަރު ވަނީއެވެ.

އެވްރެޖް ޓީމެއް

ގައުމީ ޓީމާއި ހަވާލުވުމަށް ފަހު ޝަރަފް ވަނީ ގައުމީ ޓީމާއި ދުރުގައި ގިނަ ދުވަސްތަކެއްވަންދެން ތިބި ގިނަ ކުޅުންތެރިންތަކެއް އެތަންކޮށް ގައުމީ ޓީމުގެ ފަރިތަކުންތަކަށް ނެރިފައެވެ. މިހާރުގެ ގައުމީ ޓީމަކީ ދުވަސްވީ ކުޅުންތެރިން ގިނަ ޓީމެއް ކަމަށް ބުނާ ބުނުމަށް ޝަރަފްގެ ޖަވާބަކީ މިހާރު އެކުލަވާލާފައިވާ ސްކޮޑަކީ ތަޖްރިބާއި ޒުވާން ޖޯޝް އެކުލެވޭ އެވްރެޖް ސްކޮޑެއް ކަމަށެވެ. ސްކޮޑްގައި ހިމެނޭ 18 ކުޅުންތެރިންގެ ތެރެއިން އެއްމެ ދުވަސްވީ ކުޅުންތެރިއަކީ 40 އަހަރުގެ އަލީ އާމިރު (ދިގު އައްޔަ) އެވެ. ސްކޮޑްގައި ހިމެނޭ މުހިންމު ކުޅުންތެރިންތަކެއް އުފަންވެފައި ވަނީ 2000 ވަނަ އަހަރުގެ ފަހުންނެވެ. އެހެން ކަމުން ސްކޮޑްގެ އެވްރެޖް އުމުރަކީ 28 އަހަރެވެ. މުބާރާތަށް ޓީމު ފުރާނީ މީގެ ތެރެއިން ހަތަރު ކުޅުންތެރިން އުނިކުރުމަށް ފަހުގައެވެ.

ޝަރަފްގެ ދަށުން މަސައްކަތް ކުރަން ހަމަޖައްސާފައި ވަނީ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އަޙްމަދު އަބްދުލް ކަރީމް އާއި އަބްދުﷲ ޖުނައިދުގެ އިތުރުން ހާލިދު މުޙައްމަދު އެވެ. މި ޓީމަކީ ގައުމީ ޓީމުގެ ސްކޮޑް ރަނގަޅަށް އިނގޭ ވަރަށް ގާބިލު ކޯޗުން ޓީމެއް ކަމަށް ޝަރަފް ބުންޏެވެ.

ގައުމީ ޓީމާއި އެކު ޝަރަފް ކުރަންޖެހޭ މަސައްކަތް ބުރަވެފައިވާއިރު ގައުމީ ފިރެހެން ވޮލީ ޓީމަށް ކާމިޔާބެއް ހޯދައިދޭން ފުރަތަމަ ކުރިމަތިލާން ޖެހޭ އިމްތިހާނަކީ ކާވާކާވާ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕެވެ. އުޒުބަކިސްތާން، ތުރުކުމަނިސްތާން،އަފްއާނިސްތާން، ނޭޕާލް، ބަންގްލަދޭޝް، ތަޖަކިސްތާން ވާދަކުރާ މި މުބާރާތުގެ ފައިނަލްގައި ރާއްޖެ ވާދަކުރުން އެއީ ގައުމުވެސް ބޭނުންވާ ގޮތް ކަމަށްވާއިރު ޝަރަފް ގަބޫލުކުރާ ގޮތުގައި މި އޮތް ޓީމާއި އެކު އެއީ ކުރެވިދާނެ ކަމެކެވެ.

އަހަރުތަކަކަށް ފަހު ގައުމީ ޓީމާއި ޝަރަފް ހަވާލުވީ ޓީމުގެ ހާލަތު ރަނގަޅަށް ވަޒަންކުރުމަށް ފަހު އުނދަގޫތަކާއި އެކު ކުރިޔަށްދިޔުމަށެވެ. އެހެން ކަމުން 2027 ވަނަ އަހަރާއި ހަމަށް އޭނާ އާއި ހަވާލުކޮށްފައިވާ ބޮޑު ޒިންމާ އަދާކޮށް ކުލަ ޖައްސާނެ ކަމަށް ޝަރަފް ބުންޏެވެ.