ޚަބަރު

"ބާސްކެޓް ކުޅުން ހުއްޓާލުމަކީ ވަރަށް އުނދަގޫ ނިންމުމެއް"


ބާސްކެޓްބޯޅަ ކުޅުން ހުއްޓާލަން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ފާތިމަތު ރިޝްމާ ބުނެފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ނިމިގެންދިޔަ ސުޕަ ކަޕް 2024 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު ރިޝްމާ ވަނީ 22 އަހަރަށްފަހު ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަރވިއުއެއްގައި ރިޝްމާ ބުނީ އުމުރުގެ ވަކި ހިސާބަކުން ކުޅުން ހުއްޓާލަން ޖެހޭނެކަން ދަނެގެން، އެކަމަށް ތައްޔާރުވެގެން ހުރި ކަމަށެވެ. އަދި ކުޅުން ހުއްޓާލަން ނިންމީ މި ވަގުތު ހަށިގަނޑު ހުރިގޮތުން ކަމަށް 22 އަހަރަށްފަހު ބާސްކެޓް ކުޅުމާ ދުރަށް ޖެހިލަން ނިންމި ރިޝްމާ ބުންޏެވެ.

"ވަރަށް އުނދަގޫ ނިންމުމެއް. އަސްލުވެސް ބާސްކެޓް ކުޅޭހިތްވޭ. އުމުރުގެ ކޮންމެވެސް ހިސާބަކުން ކުޅުން ހުއްޓާލަން ޖެހޭނެކަން ދަނެގެން، އެކަމަށް ތައްޔާރުވެގެން ހުރީ" ރިޝްމާ ބުންޏެވެ.

މިހާރުގެ ޒުވާން ކުޅުންތެރިންގެ ކުޅިވަރުގެ އަޚްލާގު ރަނގަޅު ކުރުމަކީ އެކުޅުންތެރިން ޒިންމާ ކަމަށް ހަނދާން ކޮށްދެމުން ރިޝްމާ ބުނީ މިހާރުގެ ޒުވާން ކުޅުންތެރިންގެ ހުނަރު އެބަހުރި ކަމަށާއި، އެ ކުޅުންތެރިންގެ ކުރިއެރުން ރަނގަޅު ކަމަށެވެ.

"މިހާރުގެ ޒުވާން ކުޅުންތެރިންގެ ގައިގައި ހުނަރު އެބަހުރި. ރަނގަޅު މުސްތަގުބަލަކާއި ކުރިއެރުން އެބަ ފެނޭ. މިހާރުގެ ޒުވާން ކުޅުންތެރިންނަށް އަޅުގަނޑު ބުނެލަން އޮތީ ކުޅުންތެރިންގެ އަޚުލާގު ރަނގަޅުކޮށް، ބާސްކެޓަށް ފޯކަސްކޮށް، އެކަމަށް މަސައްކަތް ކުރުމަކީ އެ ކުޅުންތެރިންގެ ޒިންމާއެއް ކަމަށް" ރިޝްމާ ބުންޏެވެ.

22 އަހަރުވީ ބާސްކެޓް ކެރިއަރުގައި ލިބުނު ގިނަ ކާމިޔާބީތަކަށް ޙަމްދުކުރާ ކަމަށާއި، އާއިލާގެ އިތުރުން ކުޅުންތެރިންނާއި ރައްޓެހިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުން އަދި ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށްވެސް ރާއްޖޭގެ ކުޅިވަރުގައި އިހުތިރާމް ލިބިފައިވާ ކުޅުންތެރިޔާ ވަނީ ބުނެފައެވެ.

"ބާސްކެޓް ކެރިއަރުގައި މިހާތަނަށް ލިބުނު ހުރިހާ ކަމިޔާބީގައި ﷲ އަށް ހަމްދުކުރަން. ޖުމްލަކޮށް މަންމަ، އާއިލާ، ފިރިމީހާ އަދި ފިރިމީހާގެ އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަށް އަދި ސަޕޯޓަށް ޝުކުރު އަދާކުރަން. އަދި ޓީމުގެ ކުޅުންތެރިން، ރައްޓެހިން، ޖުމްލަކޮށް ބަސްކެޓް ދުނިޔޭގެ ފަރާތުން ލިބުނު އެއްބާރުލުން އަދި ސަޕޯޓަށް ފައްފަށުން ޝުކުރު އަދާކުރަން" ރިޝްމާ ބުންޏެވެ.

ބާސްކެޓް ކުޅުމުގައި ޖުމްލަ 22 އަހަރު ހޭދަކުރި ރިޝްމާ ވަނީ 2002 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް މަތީ ފަންތީގައި ބާސްކެޓް ކުޅެ، ކުލަބު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަށް ހޯދާފައެވެ. 2022 ވަނަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔާގެ މަގާމު ހޯދި ރިޝްމާ ވަނީ ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން 2017 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ހާސިލުކޮށްފައެވެ.