ޚަބަރު

ސަޢުދީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ވިޔަފާރި ފޯރަމެއް ރާއްޖޭގައި ބާއްވަނީ


  • ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވި

  • ވިޔަފާރި ފޯރަމެއް މި ޑިސެމްބަރު މަހު ނުވަތަ އަންނަ ޖެނުއަރީ މަހު ބާއްވާނެ

ސަޢުދި އަރަބީއްޔާގެ ވިޔަފާރިތަކަށް އާމާޒުކޮށްގެން، ރާއްޖޭގައި އިންވެސްޓަރ ފޯރަމެއް ބޭއްވުމަށް ނިންމާފައިވާ ކަަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިހާރު ސަޢުދި ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.

އިޤްތިޞާދީ ވަޒީރު ސަޢުދި ޢަރަބީއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދު ވިޔަފާރި ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ކޮމާސް މިނިސްޓަރ އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑުގެ ބޯޑުގެ ޗެއަރމަން ޑރ. މާޖިދު ބިން ޢަބްދުﷲ އަލްޤަސަބީއާއި އިޤްތިޞާދީ ވަޒީރު ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ މި ބައްދަލުވުމުގައި، ރާއްޖޭގެ ތަރައްޤީއަށް މިހާރު ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަށް ގާތުން ބައްލަވަމުން ގެންދަވާކަން އެޤައުމުގެ ވިޔަފާރިއާއި ބެހޭ ވަޒީރު ހާމަކުރައްވާފައިވާ ކަމަށެވެ. އެގޮތުން ގެދޮރުވެރިކަމާއި އިޤްތިޞާދު ސިންދަފާތު ކުރުމުގެ މަޝްރޫޢުތަކަށް އެޤައުމުން އިސްކަމެއްދޭކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ. އަދި ސައުދީން މި މަޝްރޫޢުތަކުގައި ވެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން އެ ޤައުމުގެ ވިޔަފާރިއާއި ބެހޭ ވަޒީރު ދެއްވި ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމަށް ފަހު ދެ ޤައުމުގެ ދެމެދު ވަނީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާ ކުރުމަށް ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. މި ފަހުމުނާމާގެ ތެރެއިން ވަރަށް އަވަހަށް ރާއްޖޭގައި ވިޔަފާރިއަށް ޚާއްސަ ފޯރަމެއް ބާއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.



"އަޅުގަނޑުމެން މިހާރު ވާހަކަ ދެކެވެމުން މި ގެންދަނީ، ރާއްޖޭގައި ޑިސެމްބަރ ނުވަތަ ޖެނުއަރީ ހިސާބުގައި ސައުދީ-ދިވެހިރާއްޖޭގެ ވިޔަފާރިއަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވާނަން. ސައުދީގެ ވިޔަފާރިތަށް، އިމްޕޯޓް ކުރާ ފަރާތްތާކާއި ހާއްސަކޮށް ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ރާއްޖެ އައިސް، ރާޢްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުސަތުތަށް ބަލައި އެކަމަށް ދެވެން ހުރި އެހީތެރިކަން ބައްލަވާނެ" ވަޒީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ސައުދި އަރަބީއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ އިންވެސްޓްމެންޓް މިނިސްޓަރ އިބްރާހީމް އަލް މުބާރަކް އާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސައުދި އަރަބީއްޔާއާއި ރާއްޖެ ދެމެދު އިންވެސްޓްމެންޓުތައް ގިނަކޮށް، އައު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަށް މަޝްވަރާކުރެވިފައިވާކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ސައުދީގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަޒީރުގެ މި ދަތުރުފުޅުގައި ސަޢުދީގެ ކްރިއޭޓަރ އިކޮނޮމީގެ ކަންކަންވެސް ބައްލަވާ އެ ބޭފުޅުންނާއި ބައްދަލުވުންތައް ބާއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.