ޚަބަރު

ތެލް އަވީވުގައި ބަޑިޖަހައި އަށް މީހުން މަރައިލައިފި


ޒަޔަނިސްޓު ދައުލަތުގެ ވެރިރަށް ތެލް އަވީވުގައި ބަޑީގެ ޙަމަލާތަކެއްދީ އަށް މީހުން މަރައިލައިފިއެވެ. މި ޙަމަލާތަކުގެ ފަހަތުގައި ވަނީ ކޮން ބަޔެއް ކަން ސާފެއް ނޫނެވެ. ތެލް އަވީވާއި ޔާފާ ގުޅޭ ސަރަޙައްދުގައި ދިން ބަޑީގެ ޙަމަލާތަކުގައި އިތުރު ހަތް މީހުން ޒަޚަމުވި ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ތެލް އަވީވުގައި ދިން ބަޑީގެ ޙަމަލާތަކާ ގުޅިގެން އެ ރަށުގައި ވަނީ ކުއްލި ހާލަތެއް އިޢުލާނު ކޮށްފައެވެ. ބަޑީގެ ޙަމަލާތައް ދީފައި ވަނީ ރޭލު ސްޓޭޝަނެއްގެ ކައިރީގައެވެ. މަންޒަރު ފެނުނު މީހުން ބުނީ, އެ ސަރަޙައްދުން ޚަބަރު ހުސްވެފައިވާ 10 މީހެއްގެ ހަށިގަނޑު ފެނުުނު ކަމުގައެވެ. ނަމަވެސް, އެ އެންމެން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ތެލް އަވީވުގައި ބަޑީގެ ޙަމަލާތަކެއް ދީފައި މި ވަނީ ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ލުބްނާނަށް ބޮންއަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. ލުބްނާން ޢުދުވާން ފަށާފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އަހަރެއް ފުރުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ.

ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުالله ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މެދުއިރުމަތީގެ ބާރެއްގެ ގޮތުގައި ބެލެވޭ އީރާނުން ވަނީ މުސްލިމުންގެ ދިފާޢުގައި ތެދުވެފައެވެ. އަދި, ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ އަދި ނުރައްކާތެރި މިސައިލް ޙަމަލާތަކެއް ދޭން ފަށާފައެވެ.

އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ބުނީ, ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައި މި ވަނީ, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهގެ އިތުރުން އައިއާރްޖީސީގެ ކޮމާންޑަރުގެ ނަައިބު ޢަައްބާސް ނިލްފުރޫޝާން އަދި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ, އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ.

ސަތޭކައަށްވުރެ ގިނަ ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް ބޭނުން ކޮށްގެން އީރާނުން ދަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ. ޔަހޫދީ ފައުޖުން ބުނީ, އީރާނުގެ މިސައިލްތައް ދިފާޢު ކުރަން, އަޔަން ޑޯމް ދިފާޢީ ނިޒާމު ބޭނުން ކުރަމުންދާ ކަމުގައެވެ. މިސައިލް ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން އަދި ސާފެއް ނޫނެވެ.

އީރާނުގެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ރަށްތަކުގައި ދަނީ އިންޒާރުގެ ރަނގަބީލު އަޅަމުންނެވެ. އަދި, ޔަހޫދީ ޢާންމުން ވަނީ ބޮން ޝެލްޓަރތަކަށް ވަދެ ފިލާފައެވެ. ތެލް އަވީވުގެ އިތުރުން އިރުމަތީ ޤުުދުސްގެ ސަރަޙައްދުތަކަށް ބައެއް މިސައިލްތައް ވެއްޓިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އީރާނުގެ ޙަމަލާތަކާ ގުޅިގެން އިސްރާއީލުން ވަނީ އެ ޤައުމުގެ ވައިގެ އުދުހުންތައް މެދުކަނޑައިލައި, މަތިންދާބޯޓުތައް ގްރައުންޑު ކޮށްފައެވެ. އީރާނުގެ ޙަމަލާތަކާ ގުޅިގެން އުރުދުންގައި ވެސް ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައެވެ.