ޚަބަރު

ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމަށް ތުހުމަތުވާ 3 އޮފިސަރަކާއެކު ކުށުގެ އިޢުތިރާފުގެ އެއްބަސްވުމެއް


  • 13 އޮފިސަރަކު ހައްޔަރުކޮށް 5 މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައި

  • ޝަރީޢައްތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައި

ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމުގެ ތުހުތުމަތުގައި ދައުލަތުގެ ފަރާތުން ދަޢުވާ އުފުލާފައިވާ 5 އޮފިސަރުންގެ ތެރެއިން 3 އޮފިސަރަކާއެކު ކުށުގެ އިޢުތިރާފުގެ އެއްބަސްވުމެއް ހަދައިފިއެވެ.

މިކަން ހާމަކުރެއްވީ އެ ފަސް އޮފިސަރުންގެ ޝަރީޢަތްތައް ފެށުމުގެ ގޮތުން އަންގާރަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާޢިލް ޝަފީއުއެވެ.

މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމަށް ތުހުމަތުކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން 5 މީހެއްގެ މައްޗަށް ދަޢުވާކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގައެވެ. ދަޢުވާ އުފުލާފައިވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމާއި ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމާއި ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ ގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤުގެ މައްޗަށެވެ.

މި 5 މީހުންގެ ތެރެއިން ޖިނާޙާއި، ޢަލީ ހިޝާމްގެ މައްޗަށް 3 ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑަރިން އަދި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާއެވެ. ޢަލީ ނާޡިމާއި، މުޙައްމަދު ފަތޫޙު ފަތުޙުﷲ އާއި ޢަލީ އަސްފާޤްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ހާމަކުރެއްވި ގޮތުގައި ކުށުގެ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވަނީ އަލީ ނާޒިމާއި މުހައްމަދު ފަތޫޙު އަބްދުﷲ، އަދި އަލީ އަޝްފާގާއެކުގައި ކަމަށެވެ.

ތަހުގީގު މަރުހަލާގައި އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް އެ އެ އެއްބަސްވުން ދަމަހައްޓައި ދަޢުވާއަށް ޝަރީއަތުގައި އިއުތިރާފުވުމާމެދު ވަކި ގޮތެއް ނިންމަން ބޭނުންވަނީ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު ކަމަށް އަލީ ނާޒިމާއި އަލީ އަޝްފާގުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ޖަލު އޮފިސަރުންތަކެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާކަމުގެ ތުހުމަތުގައި ދިވެހި ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަނުގައި 13 އޮފިސަރަކު ހައްޔަރުކުރިއެވެ. އެ އޮފިސަރުންގެ އެކައުންޓުތަކަށް 73 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޖަމާވެފައިވާއިރު ފައިސާ ޖަމާކޮށްފައިވަނީ ޖަލުގައި ތިބި ގައިދީންނާއި އެ ގައިދީންނާ ގުޅުންހުރި އެކައުންޓުތަކުންކަން އެނގޭކަމަށް ފުލުހުން ވިދާޅުވެއެވެ.