ޚަބަރު

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ޙައްލުކުރަން ދެ ސަރަހައްދެއްގައި ވަގުތީ ނިޒާމު ޤާއިމްކޮށްފި


  • ވަގުތީ ފެން ހިންދާ ނިޒާމު ޤާއިމްކޮށްފައިވަނީ ވެސްޓު ޕާކާއި ވިލިގިނލީ ޓާމިނަލް ކައިރީގައި

  • މިހާރު މަސައްކަތް ކުރިއަށްދަނީ އައިޖީއެމްއެޗް ސަރަހައްދުގައި

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލޭގެ ދެ ސަރަހައްދުގައި ފެން ބޮޑުވާ މައްސަލަ ޙައްލުކުރުމަށް ވަގުތީ ނިޒާމު ޤާއިމްކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިމެންދެން، މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިއަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ފެން ބޮޑުވާ މައްސަލަ ޙައްލުކުރުމަށް ވަގުތީ ނިޒާމެއް ޤާއިމްކޮށްފައިވާ ދެ ސަރަޙައްދަކީ ވެސްޓް ޕާކު ހިމެނޭ ސަރަހައްދާއި ވިލިގިނލީ ފެރީ ޓާރމިނަލް ހުރި ސަރަޙައްދު ކަމަށެވެ. އަދި މިހާރު ފެން ހިންދާ ވަގުތީ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ހުރި ސަރަހައްދުގައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޢިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އައިޖީއެމްއެޗް ސަރަހައްދުގެ މަސައްކަތް ނިމުމުން، ދެން މި މަސައްކަތް ކުރާނީ އާޓިފިޝަލް ބީޗް ހިމެނޭ ސަރަޙައްދުގައި ކަމަށެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހި އަސްކަރިއްޔާގެ އިސްނެގުމުގެ މަތިން ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަމާއެކުއެވެ. މި މަސައްކަތް ކުރަނީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން އާރުޑީސީންނެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ޢާންމުކޮށް އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ތަކުގައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުމާއެކު މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މާލޭގެ މަގުތައް މީގެ އެތައް އަހަރެއް ކުރިން ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ވަރަށް ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިއާއެކު ބައެއް ގެތަކަށް ފެނުގެ އަސަރުކޮށް ގެތަކަށް ގެއްލުން ލިބެއެވެ.