ޚަބަރު

މުދައްރިސުންގެ މަހާސިންތާ: އަހަރުން އަހަރަށް ދާނީ މައްސަލަތައް އިސްލާހުކުރަމުން


  • މުދައްރިސުންގެ މަހާސިންތާ ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައި

ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް އެކުލަވާލާނީ އެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފާއާއި މަޝްވަރާއާއެކުކަމަށް ތަޢުލީމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ 7 ވަނަ މުދައްރިސުންގެ މަހާސިންތާ ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު ޢަދީލް ނަޞީރު ވިދާޅުވީ މި މަހާސިންތާއަކީ ކާމިޔާބު މަހާސިންތާއެއްކަމަށެވެ.

ތަޢުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު ޢަދީލް ވިދާޅުވީ މި މަހާސިންތާގައި މުދަސްރިސުންނަށް ދަސްވެފައި ހުރި ކަންކަމާއި ކިޔަވައިދިނުމުގައި އަމަލުކުރަމުންދާ ގޮތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ކަރުދާސްތަކަށް މަޝްވަރާކުރެއްވިކަމަށެވެ. އަދި ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ރަނގަޅުކުރުމަށް ކުރާނެ ކަންތައްތަކާ މެދު މަޝްވަރާކުރެއްވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން ކޮށްފައި ހުރި ކަންތައްތަކުން ރަނގަޅު ނަތީޖާތަކެއް ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެނެސްފައިވާކަން މުދައްރިއްސުން ފާހަގަކުރި. ސައުތު އޭޝިއާއަށް ބަލާއިރު ރާއްޖެ މިއަތީ ތަޢުލީމީ ގޮތުން ފުދޭވަރަކަށް ރަނގަޅު ހިސާބެއްގައި. މިހާހިސާބަށް އާދެވުނީ ބުރަ މަސައްކަތްތަކެއް ކޮށްގެންކަން ބައިވެރިން ފާހަގަކުރި."ތަޢުލީމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު ޢަދީލް ވިދާޅުވިއެވެ.

އަދީލް ވިދާޅުވީ މި މަހާސިންތާއިން ފެނިގެންދިޔައީ މައްސަލަތަކަށް ވުރެ ބޮޑަށް ރަނގަޅު ކަންތައްތަކެއް ކުރެވެމުން އަންނަކަމުގެ ޔަޤީންކަމާއި އިތުރުބާރުކަމަށެވެ. އަދި ކުރިއަށް ހުރި މަހާސިންތާތަކުގައި މިފަހަރުގެ މަހާސިންތާގައި ހުށައެޅި ޕޭޕަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް އަދީލް ވިދާޅުވިއެވެ. އަދި އަމާޒަކީ ޕޮލިސީތައް ހެދުމުގައި އެކި ދިރާސާތަކައި ދާއިރާގެ ބޭފުޅުން މަޝްވަރާއާއެކު ޕޮލިސީތައް ތައްޔާރުކުރުންކަމަށެވެ. އަދި މި މަހާސިންތާއަށް ހުށައެޅި ކަންތައްތަކަށްވެސް ބަލާނެކަމަށް އަދީލް ވިދާޅުވިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި މަހާސިންތާ މިފަހަރުވެސް ކުރިއަށް ގެންދިޔައީ 2 ދުވަހަށެވެ. މި އަހަރުގެ މަހާސިންތާގައި 250 ބައިވެރިން ބައިވެރިވިއެވެ. އަދި 60 ރިސަރޗް ޕޭޕަރާއި، 4 ކޭސް ސްޓަޑީ ހުށަހަޅާފައިވާއިރު 2 ކީނޯޓް އަދި 2 ޕެނަލް ޑިސްކަޝަން ކުރިއަށްގެންދިޔައެވެ.

އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް ނުވަތަ ބައިނަލްއަޤްވާމީ ޓީޗަރުންގެ މަހާސިންތާގެ 7 ވަނަ އެޑިޝަނަށް ކަނޑައަޅާފައިވާ ތީމަކީ "އެޑިއުކޭޓް އެމްޕަވަރ އެލިވޭޓް އިކުއިޓެބަލް އެޑިއުކޭޝަން ފޯރ ޓުވެންޓީ ފަސްޓް ސެންޗުއަރީ އެކްސެލެންސް"އެވެ. މި މަހާސިންތާއަށް ކޮންމެ ފަހަރަކުވެސް ތީމް ކަނޑައަޅަނީ އެއިރެއްގައި ތަޢުލީމީ ދާއިރާގައި ފާހަގަކުރެވޭ ކަންކަމަށް ބެލުމަށް ފަހުގައެވެ.