ޚަބަރު

ސަބަލެންކާ އާއި ޒެންގް ކުއާޓަރ ފައިނަލަށް


  • []

ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ ބެއިޖިންގ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އެރީނާ ސަބަލެންކާ އާއި ޗައިނާގެ ޒެންގް ކިންވިން ހޯދައިފި އެވެ.

ބެލަރޫސްގެ ސަބަލެންކާ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ މެޑިސަން ކީސް އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ. މި މެޗު ކާމިޔާބު ކުރުމަށް އޭނާ ހޭދަކޮށްފައިވަނީ އެންމެ 65 މިނިޓެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދުމާއެކު މިއީ ޖެހިޖެހިގެން ޑަބްލިއު ޓީ އޭ މުބާރާތުގެ ކުއާޓަރ ފައިނަލުގައި އޭނާ ކުޅޭނެ ދިހަވަނަ ފަހަރެވެ. އެންމެ ފަހުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކޮށްފައިވާ ސަބަލެންކާ ވަނީ މީގެ ކުރިން ޖެހިޖެހިގެން 15 މެޗު ކާމިޔާބުކޮށްފަ އެވެ.

މި މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ޗައިނާގެ ޒެން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ އަމަންޑާ އަނިސޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ތިނެއް ހައެއް, ހައެއް އެކެއް އަދި ހައެއް ދޭއްގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ.

ބެއިޖިންގ އޯޕަންގައި ފަސްވަނައަށް ސީޑް ކޮށްފައިވާ ޒެން މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ބައްދަލު ކުރާނީ ރަޝިޔާގެ މިރާ އެންޑްރީވާ އާއެވެ.