ޚަބަރު

ފަތުރުވެރިކަމުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށް އެންމެންގެ އެއްބާރުލުން ބޭނުން: ފައިޞަލް


  • ޤައުމީ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 3ވަނަ ދުވަސް

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަށް ހެދުމަށް ކުރިއަށްއޮތްތަނަށްވެސް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، ރާއްޖެ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލަކަށް ވެފައިވަނީ ރާއްޖޭގެ ސަޤާފަތާއި، ޤުދުރަތީ ރީތިކަމާއި، ދިވެހިން ދައްކަމުންދާ ފުރިހަމަ މެހެމާންދާރީގެ ސަބަބުންކަމަށެވެ.

މުސްތަޤްބަލުގައިވެސް ރާއްޖެ ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޯބަރ ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ މިއީ ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވުނު ދުވަސްކަމަށްވާތީއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 175 ރިސޯޓާއި، 901 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 152 ސަފާރީ އުޅަނދު ދަނީ ރަޖިސްޓްރީކޮށްގެން ޚިދުމަތް ދެމުންނެވެ. މިއީ މުޅި ޖުމްލަ 62،908 އެނދެވެ.