ޚަބަރު

ލުބްނާނަށް އެރި ޔަހޫދީންނަށް ނުރައްކާ ބޮޑު


އެއްގަމު މަގުން ލުބްނާނަށް އަރައި އެ ޤައުމުގެ ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީ ސިފައިންގެ ތެރެއިން އަށް މީހުން މަރައިލައިފިއެވެ. ސެޕްޓެންބަރު 23ވަނަ ދުވަހު ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ވައިގެ ޢުދުވާންތަކެއް ފެށުމަށް ފަހު, ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެއްގަމު މަގުން ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަތީ އޮކްޓޫބަރު 1ވަނަ ދުވަހުއެވެ.

ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ބުނީ, އެއްގަމު މަގުން ލުބްނާނުގެ ރަށްތަކަށް އަރައި ލާއިންސާނީ ޖަރީމާތަކަށް ހިންގަމުންދާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނާ އެ ޖަމާޢަތުގެ މުޖާހިދުން ކުރިމަތިލަމުންދާ ކަމުގައެވެ. އަދި, ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ސިފައިންގެ އަށް މީހަކު މަރައިލައި, އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަން ހާމަކޮށްފައި ވަނީ ޔަހޫދީ ފައުޖުންނެވެ. މިއީ, މީގެ އަހަރެއްހާ ދުވަސް ކުރިން ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށި ފަހުން ޔަހޫދީންނަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ގެއްލުމެވެ.

ޙިޒްބުاللهން ބުނީ, ލުބްނާނުގެ ރަށްތަކުގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ފައުޖުގެ މިރްކަވާ މަރުކާގެ ތިން އަސްކަރީ ޓޭންކު ނައްތައިލާފައިވާނެ ކަމުގައެވެ. ޔަހޫދީ ފައުޖުގެ ޓޭންކުތަކަށް ރޮކެޓު ޙަމަލާތަކެއްދީ, އެ ތަކެތި ނައްތައިލާފައި ވަނީ ލުބްނާން-އިސްރާއީލް ސަރަޙައްދީ ރޮނގު ކައިރީގައި އޮތް މާރޫން އަލް-ރާސީގައެވެ. ޔަހޫދީ ސިފައިންގެ މަރުތަކާ ގުޅިގެން ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ކުރިއަށް އޮތް ތަނުގައި އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދޭނެ ކަމުގައެވެ.

އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުން ވެސް ވަނީ, މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ތެދުވެފައެވެ. އަދި, 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައިވާ ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ދިފާޢީ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވުނު ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ އެ ކަމުގެ މަޢުލޫމާތު ހާމަކުރަން ދެކޮޅު ހަދަމުންނެވެ.

އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ޖަރީމާތަކާ ގުޅިގެންނެވެ. އަދި, ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ އިތުރުން އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢަައްބާސް ނިލްފުރޫޝާން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ޔަހޫދީ ފައުޖުން ބުނީ, އީރާނުގެ ޙަމަލާތަކަށް ފަހު ލުބްނާނުގެ ޢާންމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާކޮށް, ބޮޑު ކުރަން ނިންމާފައިވާ ކަމުގައެވެ. އަދި, ލުބްނާނުގެ ދެކުނުގެ ރަށްތަކަށް އިތުރު ސިފައިންނާއި ބަރުހަތިޔާރު ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. މެދުއިރުމަތީގައި މަސްރަޙު ނަގައިލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އެ ސަރަޙައްދުގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެވެ.

ލުބްނާނަށް އިތުރު ސިފައިން ފޮނުވަން ނިންމުމުން ޙިޒްބުاللهން ވަނީ ޔަހޫދީ ފައުޖަށް އިތުރު އިންޒާރުތަކެއް ދީފައެވެ. އެ ޖަމާޢަތުގެ މުއާޞަލާތާ ބެހޭ ވެރިޔާ މުޙައްމަދު ޢަފީފް ވިދާޅުވީ, ލުބްނާނަށް އަރައިގަންނަ ޔަހޫދީ ސިފައިންގެ ކޮންމެ މީހަކާ އެ ޖަމާޢަތުގެ މުޖާހިދުން ކުރިމަތިލާނެ ކަމުގައެވެ. އަދި, ޔަހޫދީން ބަލިކޮށް, އެ ޤައުމުން ބާލަން ބޭނުންވާ ހިތްވަރު ހުރި މުޖާހިދުންގެ ބިޔަ ލަޝްކަރެއް އޮތް ކަމަށާއި, އެ ކަމަށް ބޭނުންވާ މިންވަރަށް ހަތިޔާރު ހުރި ކަމުގައެވެ.

ޔަހޫދީ ފައުޖުން އަދިވެސް ދަނީ މެދުކެނޑުމެއް ނެތި ލުބްނާނުގެ ރަށްތަކަށް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ބައިރޫތުގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ލުބްނާނުގެ 46 ޢާންމުން ޝަހީދުކޮށްލައި, އިތުރު 85 މީހުން ޒަޚަމު ކޮށްލާފައެވެ. އެ ޤައުމާ އިންވެގެން އޮތް ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ މައްޛަތަށް ވެސް ޔަހޫދީ ފައުޖުން ވަނީ ވައިގެ ޙަމަލާތަކެއް ދީފައެވެ. ދިމިޝްޤަށް ތިން ޙަމަލާތަކުގައި ޢާންމުންގެ ތިން މީހުން ޝަހީދުކޮށްލައި, އިތުރު ތިން މީހުން ޒަޚަމު ކޮށްލިއެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 1,900އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,689އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 96,625އަށް މީހުން ޒަޚަމު ކޮށްލާފައެވެ.