ޚަބަރު

މެސީގެ ދެ ލަނޑާއެކު އިންޓަރ މަޔާމީން އެމްއެލްއެސް ޝީލްޑް ކާމިޔާބުކޮށްފި


އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ދެ ލަނޑާއެކު އިންޓަރ މަޔާމީން 3-2 ގެ ނަތީޖާއަކުން ކޮލަމްބަސް ކްރޫ ބަލިކޮށް، އެމްއެލްއެސް ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފިއެވެ.

މިއީ އިންޓަ މަޔާމީން އެމްއެލްއެސް ސަޕޯޓާސް ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މަޔާމީން މި ފަހަރުގެ އެމްއެލްއެސްގެ ރެގިއުލާ ސީޒަންގެ އެންމެ ރަނގަޅު ރެކޯޑެއް އޮންނަ ޓީމަކަށްދޭ ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފައިމިވަނީ ބާކީ ދެ މެޗު އޮއްވައެވެ.

ލޯވަރ.ކޮމް ފީލްޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާންދަނިކޮށް، އިންޓަ މަޔާމީން ލީޑު ނެގީ މެސީ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި 30 ޔާޑު ދުރުން ފޮނުވާލި ހިތްގައިމު ހިލޭޖެހުމަކުން މެސީ ކާމިޔާބުކުރި ލަނޑާއެކު އިންޓަ މަޔާމީން މި ހާފު ނިންމާލީ 2-0 އިން ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ކޮލަމްބަސް ކްރޫގެ ވިންގް، ޑިއޭގޯ ރޮސީ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު، އޭގެ ދެ މިނެޓުފަހުން، އުރުގުއޭގެ ކުރީގެ ފޯވާޑް، ލުއިސް ސުއަރޭޒް ވަނީ އިންޓަ މަޔާމީގެ ދެ ލަނޑުގެ ލީޑު ދަމަހައްޓައިދީފައެވެ.

މި މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކޮލަމްބަސް ކްރޫގެ ހުއާން ހެނާންޑޭޒް ވަނީ ނަތީޖާ 2-3 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، އެ ޓީމުން އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ 63 ވަނަ މިނެޓުގައި ރުޑީ ކަމާޗޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. މިއާއެކު، ކޮލަމްބަސް ކްރޫ އިން މެޗުގެ ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

އެކަމަކު، މެޗުގެ 76 ވަނަ މިނެޓުގައި ކޮލަމްބަސް ކްރޫގެ އަލްޖީރިއާގެ ފުލްބެކް، މުޙައްމަދު ފަރްސީ ފޮނުވާލި ބޯޅަ އިންޓަ މަޔާމީގެ ގޯލްކީޕަރު، ޑްރޭކް ކޮލެންޑާ ވަނީ ހުއްޓުވާފައެވެ. އަދި އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ކޮލަމްބަސް ކްރޫއަށް އެއްވަރުކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އިންޓަ މަޔާމީގެ ކުޅުންތެރިއަކުގެ އަތުގައި ބޯޅައިން ޖެހުމުން ލިބުނު މި ޕެނަލްޓީ ހުއާން ފެނާންޑޭޒް ފޮނުވާލުމުން ކޮލެންޑާ ވަނީ މަތަކޮށްފައެވެ.

މި މެޗުގެ ޖެހި ދެ ލަނޑާއެކު މެސީ ވަނީ މި ފަހަރުގެ ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުގައި 17 ލަނޑު ޖަހައިފައެވެ. އޭގެތެރޭގައި، ފަސް މެޗެއްގައި ދެ ލަނޑު ވަނީ ޖަހައިފައެވެ.

މި ފަހަރުގެ އެމްއެލްއެސް ޝީލްޑް ކާމިޔާބުކުރުމާއެކު މެސީގެ ކެރިއަރުގައި ކްލަބާއި ގައުމީ ޓީމާއެކު ހާސިލްކުރި ޓްރޮފީގެ އަދަދު ވަނީ 46 އަށް އަރާފައެވެ. މިއާއެކު، މެސީ ވެފައިވަނީ މިހާތަނަށް އެންމެ ގިނަ ޓްރޮފީ ކާމިޔާބުކުރި ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ.

މީގެއިތުރުން، މި އަހަރުގެ އެމްއެލްއެސް ރެގިއުލާ ސީޒަންގައި ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށްގެން އިންޓަ މަޔާމީއަށް ރެކޯޑެއް ގާއިމްކުރުމުގެ ފުރުޞަތު އެބައޮތެވެ. އެއީ، 2021 ވަނަ އަހަރު ނިއު އިންގްލެންޑް ރިވޮލިއުޝަނުން 73 ޕޮއިންޓާއެކު ހަދާފައިވާ ރެގިއުލާ ސީޒަނެއްގެ އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ރެކޯޑެވެ. އެގޮތުން، އިންޓަ މަޔާމީއަށް ލީގުގައި ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށްގެން 74 ޕޮއިންޓް ހަމަކޮށް، އެ ރެކޯޑް މުގުރާލެވޭނެ އެވެ.