ޚަބަރު

އީރާނުގެ ޕީޒިޝްކިޔާން ޔަހޫދީންނާ ދެކޮޅަށް ތާޢީދު ހޯއްދަވަނީ


އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ޤަޠަރަށް ވަޑައިގަންނަވައި, ޔަހޫދީންނާ ދެކޮޅަށް އޭޝިޔާގެ ޤައުމުތަކުގެ ތާޢީދާއި އެއްބާރުލުން ހޯއްދަވަން މަސައްކަތް ފަށްޓަވައިފިއެވެ. އޭނާ ޤަޠަރަށް ދަތުރުފުޅެއް ކުރައްވާފައި މި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އަދި, މެދުއިރުމަތީގެ މުސްލިމް ޤައުމުތަކާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފަށަން ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.

ޤަޠަރަށް ފުރާވަޑައިގެންނެވުމުގެ ކުރިން އީރާނުގެ ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ޕީޒިޝްކިޔާން ވަނީ ޔަހޫދީންނަށް އިތުރު އިންޒާރުތަކެއް ދެއްވާފައެވެ. "ޒަޔަނިސްތު ދައުލަތުން [އިސްރާއީލުން] ހިންގަމުންދާ ޖަރީމާތައް ހުއްޓައިނުލައިފި ނަމަ, އެ މީހުންނަށް އިތުރު ރައްދަކާ ކުރިމަތިލާން ޖެހޭނެ،" ޕީޒިޝްކިޔާން ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, ޔަހޫދީންގެ ޖައްބާރުކަމުން ސަލާމަތްވުމަށް އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން އިސްރާއީލުގެ ރަށްތަކަށް ދީފައިވާ ވަރުގަދަ ދިފާޢީ ޙަމަލާތަކަށެވެ.

180 ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އައިއާރްޖީސީން ޒަޔަނިސްޓު ރަށްތަކުގައިވާ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާ ދީފައި ވަނީ އޮކްޓޫބަރު 1ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް, ގިނަ ޢަދަދެއްގެ މިސައިލްތައް އޭގެ އަމާޒަށް ވާސިލުވިއެވެ. އަދި, ޔަހޫދީ ފައުޖުގެ އަމާޒުތަަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އައިއާރްޖީސީން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ޖަރީމާތަކާ ގުޅިގެންނެވެ. އަދި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ އިތުރުން އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢަައްބާސް ނިލްފުރޫޝާން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ޤަޠަރުގެ ވެރިރަށް ދަވްޙާގައި އެ ޤައުމުގެ އަމީރު އަލް-ޝައިޚް ތަމީމް ބިން ޙަމަދް އަލް-ޘާނީއާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވެސް ޕީޒިޝްކިޔާން ވަނީ ޔަހޫދީންނަށް އިތުރު އިންޒާރުތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ, ޔަހޫދީ ފައުޖުން އީރާނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފިނަމަ, އެ ކަމުގެ ރައްދުގައި އީރާނުން ވެސް ޔަހުދީންނާ ދެކޮޅަށް އެއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގައެވެ. އަދި, މެދުއިރުމަތީގެ މަސްރަޙު ހޫނު ކުރުން ހުއްޓައިލައި, މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ނިމުމެއް ގެންނަން ޔަހޫދީންނަށް ބާރު އެޅުމަށް އޭނާ ވަނީ އެމެރިކާއާއި, ހުޅަނގުގައި ތިބި ޔަހޫދީންގެ މަދަދުގާރުންނަށް ގޮވައިލައްވާފައެވެ.

ޖުލައި 31ވަނަ ދުވަހު ޔަހޫދީ ފައުޖުން އީރާނުގެ ވެރިރަށް ތަހްރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާއަށް ވެސް އޭނާ އަލިއަޅުއްވައިލެއްވިއެވެ. ޙަމާސްގެ ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އެ ޙަމަލާގައެވެ. ޕީޒިޝްކިޔާން ވަނީ އެ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އީރާނުން ޤަބޫލު ކުރާ ގޮތުގައި, ޔަހޫދީން ވަނީ އެ ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ, އެ ޤައުމުގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާ ކޮށްފައެވެ. ހަނިއްޔާ ޝަހީދު ކޮށްލަން ދިން ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީ ފައުޖުން އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމަށް ފަހު, ސެޕްޓެންބަރު 28ވަނަ ދުވަހު ލުބްނާންގެ ވެރިރަށް ބައިރޫތަށް ދިން ނުރައްކާތެރި ޙަމަލާތަކެއްގައި ޔަހޫދީ ފައުޖުން ވަނީ ޙިޒްބުاللهގެ ވެރިޔާ ނަޞްރުالله ޝަހީދު ކޮށްލާފައެވެ. އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ނިލްފުރޫޝާން ޝަހީދު ކޮށްލާފައި ވަނީ ވެސް އެ ޙަމަލާތަކުގައެވެ. "އަޅުގަނޑުމެން ވެސް އިސްކުރަނީ ސުލްޙައާއި ހަމަޖެހުން. ނަމަވެސް, ތަހްރާނަށް ނިރުބަވެރި ޙަމަލާތަކެއްދީ ހަނިއްޔާ ޝަހީދުކޮށްލީ ޔަހޫދީން،" އޭނާ ވިދާޅުވިއެވެ.

ޕީޒިޝްކިޔާނާ އެކު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޤަޠަރުގެ އަމީރު ވިދާޅުވީ, މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ސުލްޙަވެރި ޙައްލެއް ހޯދަން ކުރަމުންދާ މަސައްކަތްތަކުގައި އެ ޤައުމުން ދެމި އޮންނާނެ ކަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުންނެވެ. އެ މަޝްވަރާތަކަށް ހުރަސް އަޅަމުން ދަނީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫއެވެ.

ޤަޠަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަވްޙާގައި ބާއްވާ އޭޝިޔާ ކޯޕަރޭޝަން ޑައިލޮގުގެ ޤައުމުތަކުގެ ބައްދަލުވުމެއްގައި ޕީޒިޝްކިޔާން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގައި އޭޝިޔާގެ ޤައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް އެ ބައްދަލުވުމުގައި އެދިވަޑައިގަންނަވާނެ ކަމުގައި ޕީޒިޝްކިޔާން ވިދާޅުވިއެވެ.