ޚަބަރު

މަރުޙޫމު މާހިރަކީ ޚިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް: ރައީސް


  • މާހިރު ވަނީ ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައި

މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ ޚިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއްކަމަށް ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ޤަދަރުވެރި، ޚިދުމަތްތެރި އަދި ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ކަމުގައިވާ ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެއްކަމާއި، ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މަރުހޫމް މާހިރަކީ ޤައުމަށް ޚިދުމަތްތެރި ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއްކަމަށްވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް ޢަބްދުލްމަޖީދު މާހިރުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ވަނީ ދުޢާ ދަންނަވާފައެވެ.