ޚަބަރު

ފީފާއިން ދިން ފައިސާއިން ބައްސާމް ގަތް ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނަގަނީ


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ހުޅުމާލޭ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ކޮވިޑް-19 ގެ އެހީގެ ގޮތުގައި ރާއްޖޭގެ ކުލަބުތަކަށް ފީފާއިން ދިން ބައެއް ފައިސާއިން، އަމީން އެވެނިއުއިން ބައްސާމް ގަނެފައިވާ އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ އެ މައްސަލަ ބެލުމަށްފަހު، އަންނަ އާދީއްތަ ދުވަހުގެ ކުރިން އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ބައްސާމުގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑާ ގުޅިގެން ފުޓްބޯޅަ ކުލަބުތަކަށް ދިމާވި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން މީގެ ކުރިން ފޮނުވިއިރު، ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުޙައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމީން އެވެނިއުއިން ދެ ފުލެޓް ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފައިސާއިން 3،084،000 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން މީގެ ކުރިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.