ޚަބަރު

ފަތުރުވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން މުހިންމު، ފުރުޞަތުތައް އެބަހުރި!


  • ސަރުކާރުން ދަނީ ފަތުުރުވެރިކަން ސިންދަފާތުކޮށް ފުޅާކުރުމަށް މަސައްކަތްކުރަމުން

  • ޒުވާން ހިޔާލުތައް މި ދާއިރާއަށް މުހިއްމު

ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމުގައި ޒުވާނުންނަށް އިސް ދައުރެއް އަދާކުރެވޭނެ ކަމަށާއި، އެ ވިޔަފާރިތަކަށް ޒުވާނުން ނިކުތުމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް އެދިވަޑައިގަންނަވައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު މިކަމަށް އެދިވަޑައިގަތީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްބައެއް ފަރާތްތައް ބައިވެރިވި ޕެނަލް ޑިސްކަޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުންދަނީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކޮށް، ފަތުރުވެރިކަން ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، ޒުވާނުންނަށް ފަތުރުވެރިކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބިފައި ހުރުން މުހިންމު ކަމަށެވެ. އަދި މި ދާއިރާއިން ބޭރުގެ އިންވެސްޓަރުންނަށާއި ދިވެހިންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ފަހިވެފައި ހުރުން މުހިންމުކަމަށެވެ.

ވަޒީރު ފައިޞަލް ވަނީ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުތުމަށް އެދިވަޑައިގަންނަވާފައެވެ.

"ޒުވާނުން ނިކުމެ އެ ހިތްވަރުކޮށްފައި، ސިކުނޑިއަށް ވިޔަފާރިތައް ލައިގެން އެކަންތައްތައް އެޗީވްކުރަން މަސައްކަތްކުރަން ޖެހޭ." ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޗަމްޕާ ހުސެއިން އަފީފާއި، މުޙައްމަދު އުމަރު މަނިކުވެސް ވަނީ މި ދާއިރާއަށް ޒުވާނުން ނިކުތުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

"ކިތަންމެ ގިނަ ބޭންކެއް ހުޅުވިޔަސް، ކިތަންމެ ކަމެއް ކުރިޔަސް، ކިތަންމެ ފައިނޭންޝަލް އިންސްޓިޓިއުޓެއް ހެދިޔަސް، އަޅުގަނޑުމެންގެ ޔަންގު މީހުން ނެތިއްޔާ ނުވާނެ." އަފީފް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެ، މީހުން ބިނާކުރުންވެސް ވަރަށް މީހުން." މަނިކް ވިދާޅުވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވަނީ ރާއްޖެއަށް ތަޢާރަފްކުރެވިދާނެ ވަރަށް ގިނަ ބާވަތްތަކުގެ ފަތުރުވެރިކަން ހުރިކަން ފާހަގަކޮށްފައެވެ.

އެގޮތުން ސްޕޯޓްސް ޓޫރިޒަމް، އެޑިޔުކޭޝަން ޓޫރިޒަމް، ހެލްތު ޓޫރިޒަމް އަދި ފިލްމް ޓޫރިޒަމް ރާއްޖެއަށް ތަޢާރަފްކުރެވިދާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

"ފިލްމް ޓޫރިޒަމަށް ބޭނުންވޭ ސްޓްރަކްޗަރއެއް އެކަމަށް އެބަޖެހޭ ފެސިލިޓޭޓުކޮށްދޭން. އެޑިއުކޭޝަން ޓޫރިޒަމަށް ބަލާއިރު، އޮފް ސީސަންގައި ސަމާ ކޭމްޕްތައްވެސް ރާއްޖޭގައި ބޭއްވި ދާނެ." ޝިއުރީ ވިދާޅުވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި މި ދާއިރާގެ އިސް ފަރާތްތަކުން ވަނީ ދާއިރާއަށް ހުރި ދަތިތަކާއި އަދި މި ދާއިރާއިން ކުރިއަށް ދިޔުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.