ޚަބަރު

ސެއިލްސް ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް ފަށަނީ


  • އައުޓްރީޗް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ލ އަތޮޅުން

  • ނޭޝަނަލް ކެރިއަރސް ސާރވިސްގެ ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭނެ

މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް މި މަހު 7 ވަނަ ދުވަހު ފަށަން އެ ވުޒާރާއިން ނިންމަވައިފިއެވެ.

މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި އައުޓްރީޗް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ލ އަތޮޅުންނެވެ. އެގޮތުން، މި މަހު 7 އިން 10 އަށް ލ.ހިތަދޫ، ފޮނަދޫ އަދި ގަމަށް ސެއިލްސް އަދި ނޭޝަނަލް ކެރިއަރސް ސަރވިސްގެ ޓީމެއް ދަތުރުކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އަތޮޅުތަކަށް ކުރާ މި ދަތުރުތަކުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ ޒުވާނުންނާއި، ވިޔަފާރިވެރިން، އަދި އަމިއްލަ ޖަމުއިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ނޭޝަނަލް ކެރިއަރސް ސާރވިސް (އެން.ސީ.އެސް) ގެ ޚިދުމަތްތަކުގެ މަޢުލޫމަތު ފޯރުކޮށްދީ, އެން.ސީ.އެސް ޕޯޓަލަށް އަހުލުވެރިކޮށް، ވަޒީފާ ހޯދާ ފަރާތްތަކާއި ވިޔަފާރިވެރިން، އެން.ސީ.އެސް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެން.ސީ.އެސްއިން އަންނަނީ ކެރިއަރ ގައިޑެންސްގެ ޚިދުމަތް ދަރިވަރުންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި، ކިޔަވައި ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކަށް ދެމުންނެވެ. އަދި ވަޒީފާއަދާ ކުރަން ފެށުމަށްފަހުވެސް ކެރިއަރ އެޑްވައިސް ހޯދޭނެ އިންތިޒާމްވެސް ފަހިކޮށްދިނުމުގެ މަސައްކަތް މިހާރުވާނީ ފަށާފައެވެ. މީގެ އިތުރުން، ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމްތެއް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް މަތީތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.