ޚަބަރު

ޖަނަވާރުންނަށްވެސް ހައްގުތަކެއް ލިބިގެންވޭ، އެ ހައްގުތަައް ކަށަވަރުކޮށްދޭންޖެހޭ: ވަޒީރު ޑރ. ރަމީލާ


  • މަގުމައްޗަށް ޖަނަވާރުން ދޫނުކުރުމަށް ވަޒީރު އިލްތިމާސްކުރެއްވި

  • އެތަކެއްޗަށް ލިބެންޖެހޭ ހައްޤުތައް ކަށަވަރުކޮށްދޭން ޖެހޭކަމަށް ވަޒީރު ވިދާޅުވި

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރާއިރު، ޖަނަވާރުންނަށް އަނިޔާވެރި ނުވާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ފެއަރ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރޭތަކެއްޗާބެހޭ ވަޒީރު ވަނީ ޖަނަވާރުންނަށް އަޅާލުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޖަނަވާރުން ދުނިޔޭގައި ލައްވާފައިވަނީ އިންސާނުންނާއެކު އުޅުމަށްކަން ފާހަގަކުރައްވާ މި ދުވަސް ފާހަގަކުރަނީ އެތަކެއްޗަށް އަޅާލައި އޯގާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކަން ފާހަގަކުރެއްވިއެވެ. އަދި އެތަކެއްޗާމެދު ޢަމަލުކުރުމަށް ހެދިފައި ހުރި ޤަވާއިދުތަކާއި އުސޫލްތަކަށް މީހުން ހޭލުންތެރިކޮށް އެތަކެއްޗާއި މެދު ޢަމަލުނުކުރާންވީ ގޮތް ކިޔައި ދިނުމަކީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖަނަވާރުން ދުނިޔޭގައި އުޅޭއިރު، އެތަކެއްޗަށްވެސް ހައްޤުތަކެއް ލިބިފައިވާކަމަށާއި އެކަންކަން ކަށަވަރު ކޮށްދޭން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޖަނަވާރުން އެކި ގޮތްގޮތަށް ގެންގުޅޭއިރު ރާއްޖޭގައިވެސް ޖަނަވާރުން ގެންގުޅޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގޮތަށް ގެންގުޅޭއިރު އެތަކެތި ގެންގުޅޭ ބައެއް ފަރާތްތަކުން އެތަކެތި މަގުމައްޗަށް ދޫކޮށްލުމަކީ ކަންބޮޑުވުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އާބާދީ އިތުރުވެ އާންމުންނަށް އުނދަގޫތަކަށް ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ގަސްތުގައި ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އަނިޔާކުރާކަން ފާހަގަވެފައިވާ ކަމަށާއި އެފަދަ ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

" އެންމެ ކަންބޮޑުވާކަމަކީ ގަސްތުގައި ބުޅަލަށްދޭ ހާނިކަ ނުވަތަ އަނިޔާ. މިކަހަލަ ދުވަހެއް ފާހަގަކުރާއިރު އަޅުގަނޑުމެން އެންމެންގެ ވެސް އަޒުމަކަށްވާންވީ މިކަހަލަ ނުރަނގަޅު އާދަތަކުން ދުރުވެ، އަޅުގަނޑުމެންނަކީ ބުޅަލަށް އޯގާތެރިވާ ބައެއް ކަމުގައި އަޒުމް ކަނޑައަޅަން ޖެހޭ. ޖަނަވާރުންނަށް މާބޮޑު ކަމެއް ނުކޮށްދެވުނަސް އަނިޔާ ނުކުރާ ބަޔަކަށް ވާން ޖެހޭ " ވަޒީރު ޑރ. ރަމީލާ ވިދާޅުވިއެވެ.

ޖަނަވާރުންގެ ދުވަސް ރާއްޖޭގައި އަލަށް ފާހަގަކުރާއިރު، ދުވަހާއި ގުޅުވައިގެން ބޭއްވި ފެއަރ ފައްޓަވައިދެއްވުމަށްފަހު ފެއަރގެ ސްޓޯލްތައް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ. މި ފެއަރގައި ޖަނަވާރުންނާއި ގުޅުން ހުރި އެކި ޖަމިއްޔާތަކުން ބައިވެރިވެފައިވާއިރު، ޖަނަވާރުންނާއި މެދު ހޭލުންތެރިކަން އިތުރުކޮށް އެކި މައުލޫމާތުތައް ފޯރުކޮށް ދޭނެއެވެ.