ޚަބަރު

ސަބަލެންކާ ބަލިކޮށް މުޗޯވާ ސެމީ ފައިނަލަށް


ބެއިޖިންގައި މިހާރު ކުރިއަށްދާ ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ބަލިވެ، ޔޫއެސް އޯޕަންގެ ޗެމްޕިއަން އެރީނާ ސަބަލެންކާ މުބާރާތުން ކަޓައިފި އެވެ.

ސަބަލެންކާ މި މުބާރާތުގެ ކުއާޓަރ ފައިނަލުން ކަޓާފައިވަނީ ޗެކް ރިޕަބްލިކްގެ ކޮރެލީނާ މުޗޯވާއާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހަތެއް ހައެއް, ދޭއް ހައެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ބަލިވެގެންނެވެ.

މި މެޗުން ސަބަލެންކާ ބަލިވުމާއެކު އޭނާ މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް 15 މެޗަށްފަހު ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި މިއީ މުޗޯވާއާ ދެކޮޅަށް ސަބަލެންކާ ކުޅުނު ތިން މެޗުގެ ތެރެއިން އޭނާ ބަލިވި ތިންވަނަ މެޗެވެ.

ތިން ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ބެލަރޫސްގެ ސަބަލެންކާ ވަނީ މި މެޗުގެ ފުރަތަމަ ސެޓް ގެއްލުމުން ދެވަނަ ސެޓްގައި ކުޅުން ރަނގަޅުކޮށް އެ ސެޓް ކާމިޔާބުކޮށްފައެވެ. ނަމަވެސް ތިންވަނަ ސެޓު ވަނީ އޭނާއަށް ގެއްލި މި މެޗުން ބަލިވެފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި މުޗޯވާއާ ދެކޮޅަށް ނިކުންނާނީ ނިމިގެންދިޔަ އޮލިމްޕިކްސްގައި ޗައިނާއަށް ރަން މެޑަލް ހޯދަދީފައިވާ ޒެން ކިންވެން އެވެ.

ޒެން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ދުނިޔޭގެ ރޭންކިންގެ 22 ވަނައިގައި ހުރި އުމުރުން 17 އަހަރުގެ މިރާ އެންޑްރީވާ ބަލިކުރުމަށްފަހުގައެވެ. ޒެން މި މެޗު ކާމިޔާބުކޮށްފައިވަނީ ފަހެއް ހަތެއް, ހައެއް ސުމެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް މިރާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓް ވަރަށް ފަސޭހަ ކަމާއެކު ޒެން ވަނީ ކާމިޔާބުކޮށްފައެވެ.