ޚަބަރު

ސަނަދު ހާސިލުކުރި 28 ޙާފިޒަކަށް ރައީސްގެ ޚާއްސަ މެޑަލް!


  • ކުރިން މި މެޑަލް ދީފައިވަނީ 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް

  • ރައީސް ނިންމެވީ މިއަހަރުން ފެށިގެން ހުރިހާ ހާފިޒުންނަށް މި މެޑަލް ދެއްވުމަށް

ކީރިތި ޤުރްއާން ހިތުދަސްކޮށް، ޙާފިޒް ކަމުގެ ސަނަދު ހާސިލްކޮށްފައިވާ 28 ޙާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑައްޔާއި އިނާމް ހާސިލުކޮށްފިއެވެ.

މި ބޭފުޅުންނަށް ޚާއްޞަ މެޑަލް ޙަވާލުކޮށްފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ކީރިތި ޤުރްއާން ހިތުދަސްކޮށް ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެގޮތުން މިޖަލްސާގައި 28 ފަރާތަކަށް ރައީސް ވަނީ ހަވާލުކޮށްދެއްވާފައެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލްގެ ނަމުގައި ޚާއްސަ މެޑަލްއެއް ދެއްވަން ނިންމެވީ 2014 ވަނަ އަހަރުގައެވެ. މިގޮތަށް ނިންމަވާފައިވަނީ ކީރިތި ޤުރުއާން ކިޔެވުމަށާއި ހިތުދަސްކުރުމަށް ބާރު އެޅުމުގެ ގޮތުންނާއި ޤުރުއާން ހިތުދަސްވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މިގޮތުން އެންމެ ފުރަތަމަ މި މެޑަލް ދެއްވާފައިވަނީ 2014 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އޭރު އެ މެޑަލް ހާސިލްކުރީ 3 ޙާފިޒެކެވެ. އޭގެ ފަހުން ކީރިތި ޤުރުއާން ހާސިލްކުރާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ޚާއްސަ މެޑަލް ދެއްވަމުން ގެންދެވިއެވެ.

ނަމަވެސް 2020 ވަނަ އަހަރު މެޑަލް ދިނުމުގެ އޫޞުލަށް ބަދަލުގެންނަވާ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ ތެރެއިން %85 މާކްސް ލިބިގެން 1 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މެޑަލް ދެއްވުމަށް ނިންމެވިއެވެ. އަދި 2 ވަނަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި އެ މެޑަލް ދިނުމަށް ނިންމެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުން ފެށިގެން ދަރަޖަ ތަފާތުކުރުމެއް ނެތި ހުރިހާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވުމަށެވެ.