ޚަބަރު

ގަބިއާ އާއި މަލްޑިނީއަށް އިޓަލީގެ ސްކޮޑުން ފުރުސަތު ލިބިއްޖެ


ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ނެގި ސްކޮޑުގައި އޭސީ މިލާންގެ ޑިފެންޑަރު މަޓެއޯ ގަބިއާ އާއި މޮންޒާގެ ފޯވާޑް ޑެނިއަލް މަލްޑިނީ ހިމަނައިފިއެވެ.

ގަބިއާ އާއި މަލްޑިނީ އަކީ މި ފަހަރުގެ ސްކޮޑުގައި މުޅިން އަލަށް ހިމެނުނު ހަތަރު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މި ފަހަރުގެ ސްކޮޑުގައި މުޅިން އަލަށް ދެން ހިމެނުނީ؛ ޔުވެންޓަސްގެ ގޯލްކީޕަރު، މިޝެލް ޑި ގްރެގޯރިއޯ އާއި އޭއެސް ރޯމާގެ މިޑްފީލްޑަރު، ނިކޯލޯ ޕިސިލީ އެވެ.

މީގެތެރެއިން، އުމުރުން 22 އަހަރުގެ މަލްޑިނީ އަކީ، ކުރީން އިޓަލީގެ ކެޕްޓަންކަންކޮށްފައިވާ ލެޖެންޑަރީ ޑިފެންޑަރު، ޕައޮލޯ މަލްޑިނީގެ ދަރިފުޅެވެ. އަދި އޭނާގެ ކާފަ، ސެޒަރޭ މަލްޑިނީ ގައުމީ ޓީމަށް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ 1963 ގައެވެ. އޭގެފަހުން، ސެޒަރޭ މަލްޑިނީ ވަނީ އިޓަލީ ގައުމީ ޓީމަށް ކޯޗުކޮށްދީފައެވެ.

ޑެނިއަލް މަލްޑިނީގެ ބައްޕަ، ޕައޮލޯ މަލްޑިނީ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ. އެހާތަނަށް މަލްޑިނީ ވަނީ 126 މެޗު ކުޅެފައެވެ. މި ފަހަރުގެ މަލްޑިނީ އާއިލާއަށް ނިސްބަތްވާ ފަރާތެއް އިޓަލީގެ ސްކޮޑުގައި ހިމެނިފައިމިވަނީ 22 އަހަރު ފަހުންނެވެ.

މި ފަހަރުގެ އިޓަލީ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި، ލިވަޕޫލަށް ބަދަލުވި ފެޑެރީކޯ ކިއޭސާ އާއި ލާޒިއޯގެ ވިންގް، މަޓިއާ ޒަކާނީ ހިމެނެއެވެ. ކުރީން، ޔުވެންޓަސް އަށް ކުޅެފައިވާ ކިއޭސާ އަށް ފުރުޞަތު ގެއްލުނީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ.

ނޭޝަންސް ލީގުގައި އިޓަލީ އެންމެ ފުރަތަމަ އަންނަ ބުރާސްފަތި ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. އެއަށްފަހު، އޭގެ ހަތަރު ދުވަސްފަހުން ބައްދަލުކުރާނީ އިސްރާއީލާއެވެ.

އިޓަލީގެ ސްކޮޑު:

  • ގޯލްކީޕަރުން: މިޝެލް ޑި ގްރެގޯރިއޯ (ޔުވެންޓަސް)، ޖިއަންލުއިޖި ޑޮންނަރުއްމާ (ޕީއެސްޖީ)، ގުގްލިއެލްމޯ ވިކާރިއޯ (ޓޮޓެންހަމް)
  • ޑިފެންޑަރުން: އަލެސަންދްރޯ ބަސްޓޯނީ (އިންޓަރ)، ރައުލް ބެލަނޯވާ (އެޓަލާންޓާ)، އަލެސަންދްރޯ ބުއޮންޖިއޯރްނޯ (ނާޕޮލީ)، ރިކާޑޯ ކަލަފިއޯރީ (އާސެނަލް)، އަންޑްރެއާ ކަމްބިއާސޯ (ޔުވެންޓަސް)، ޖިއޮވާނީ ޑި ލޮރެންޒޯ (ނާޕޮލީ)، ފެޑެރިކޯ ޑިމާކޯ (އިންޓަ)، މަޓެއޯ ގަބިއާ (މިލާން)، ކާލެބް އޮކޯލީ (ލެސްޓާ)، ޑެސްޓިނީ އުޑޯގީ (ޓޮޓެންހަމް)
  • މިޑްފީލްޑަރުން: ނިކޯލޯ ފަޖިއޯލީ (ޔުވެންޓަސް)، ޑަވިޑޭ ފްރަޓެސީ (އިންޓަ)، ލޮރެންޒޯ ޕެލެގްރީނީ (ރޯމާ)، ނިކޯލޯ ޕިސިލީ (ރޯމާ)، ސަމުއެލެ ރިޗީ (ޓޮރީނޯ)، ސަންޑްރޯ ޓޮނާލީ (ނިއުކާސަލް)
  • ފޯވަޑުން: މޮއިސް ކީން (ފިއޮރެންޓީނާ)، ޑޭނިއަލް މަލްޑިނީ (މޮންޒާ)، ޖިއަކޮމޯ ރަސްޕަޑޯރީ (ނާޕޮލީ)، މަޓެއޯ ރެޓެގީ (އެޓަލާންޓާ)